ސަރުކާރުން ދޫކުރާ ފްލެޓްތައް ކޮންޓްރޯލް އަގެއްގައި ދޫކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހުލުމާލޭ ފޭސް ދޭއްގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ފައްޔާޒު ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ސަރުކާރުން ދޫކުރާ ފްލެޓުތަކުގެ އަގު ކުޑަ ކުރުމާއި، ފްލެޓްތައް ކުއްޔަށް ދިނުމުގައި އުސޫލުތަކެއް ކަނޑައެޅުމުގެ ވިސްނުން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބައޮތް ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ ލުއި ގޮތަކަށް ދޫކުރާ ފްލެޓްތައް ކުއްޔަށް ދޭ ކަމުގައި ވަންޏާ ކޮންމެވެސް މިންގަނޑެއްގެ ތެރޭގައި ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއީ އެ ތަންތަނަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ދޫކުރާ ތަންތަން ކަމަށެވެ. ފައްޔާޒު ވިދާޅުވީ ފްލެޓްތައް ކުއްޔަށް ނަގާ މީހުންނަށް އެތަންތަން ދޭންވާނީ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"އެހެން ނަމަވެސް ބޯހިޔާވަހިކަމެއް ނެތިގެން އެތަނަށް ވަންނަ މީހާއަށް ދައްކަންޖެހޭ އެއްޗަކީ ކޮންމެވެސް ކޮންޓްރޯލް ނިޒާމެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ޞޯލިހު ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ފްލެޓުތަކުގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން ނިންމާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަމަށެވެ.