ސިޔާސީ ގޮތުން ވަޒީފާ ގެއްލިއްޖެ ނަމަ އެ މީހެއްގެ ވަޒީފާ އަލުން އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިސްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އަމީން ވިދާޅުވީ މި ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރުދައްކާ އިންޒާރު ދެމުން ކަމަށެވެ. ހާއްސަކޮށް ޒުވާނުންނަށް އެ ބިރު އޮތް ކަމަށް އަމީން ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި އުޅުނީމައޭ ކިޔާފައި މަސައްކަތްކުރާ ސައިޓް ބަދަލުކުރަނީ، ރަށް ބަދަލުކުރަނީ، ނުވިތާކަށް ނޯޓިސް ދެނީ. އެހެން ކަންތަކެއް ނުކުރެވޭނެ. ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާ ގެއްލޭ ކަމަށްވާ ނަމަ ﷲގެ އިރާދަފުޅުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ވަޒީފާ އިޔާދަކޮށްދޭނަން. ބިރުދައްކާ މީހުންނަށް ފިޔަވަޅު ވެސް އަޅާނަން. ސިޔާސީ ފިކުރަކީ ވަޒީފާއާ ބެހޭކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.

އެހެންކަމުން ގައުމުގެ ވެރިއަކަށް މީހަކު ގެންނައިރު ގައުމުގެ މިފަދަ ހައްސާސީ މައްސަލަތަކާ މެދު ވަރަށް ރަނގަޅަށް ވިސްނައި އެކަންކަން ރަނގަޅުކޮށްދެވޭނެ ވެރިއަކަށް ވޯޓު ދިނުން ނުހަނު ބޭނުންތެރި ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ވެރިއަކު އިންތިހާބު ކުރަނީ ސިޔާސީ ގޮތަކުން ނޫންކަމަށާއި ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތެއް ކުރުމަށް ކަމަށެވެ.