ލ. ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގަމާ ފޮނަދޫ އަބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މިސަރުކާރުގެ ބޮޑު ޕްލޭނެއް ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތަށް ވަގުތުތަކެއް ހިނގައްޖެކަން ފަހަގަކުރައްވާ ރައީސް ވިދާޅުވީ އެކަންކަމަށް ވަގުތު ނެގީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރެއިން އިގުތިސާދަށް ކުރި އަސަރުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކަށް އަދިވެސް ބަދަލެއް ނާދޭ، އަމާޒަކީ މި ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވެލޮޕްކުރުން. އަމާޒަކީ ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ގަން ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

ލ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގަމުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ކެމްޕެއިން ޓީމް

ރައީސް ވިދާޅުވީ އަބަން ސެންޓަރެއްގެ ގޮތުގައި ގަން ތަރައްގީވެގެން ދިއުމުން އެތަނުގައި ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެ ކަމަށެވެ. އޭރުން އެތަނުގައި އާބާދުވުމަށް މީހުން އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެތަނުގައި ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތާއި ތައުލީމު އަދި ދަތުރުފަތުރުގެ ނިޒާމް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ލ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގަމުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ކެމްޕެއިން ޓީމް

ގަމަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގައި އަންނަ އަހަރު ގަމުގައި 1،000 ހައުސިން ޔުނިޓް އަޅައިދޭން ރައީސް ވައުދުވެވަޑައިގަތެވެ. އަދި ވިދާޅުވީ ގަން ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި ކެންސަރް ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރިން ޕްލޭންކޮށްފައިވާ ގޮތަށް ކުރިއަށް ދާ ކަމަށެވެ.