ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްދީފި އެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ބޭސްފަރުވާއަށް އަދީބަށް ދިން 10 ދުވަހުގެ މުއްދަތު ޖުލައި 23 ވަނަ ދުވަހަށް ހަމަވުމުން އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދުނެވެ. އެ މުއްދަތު އިއްޔެ އަށް ވަނީ ހަމަވެފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޭސްފަރުވާ އަށް ދިން މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންނަށް މީގެ ކުރިންވެސް ކަރެކްޝަންސް އިން ދޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ އެ މުއްދަތު އިތުރުކޮށްދެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.