ލ. އަތޮޅު ހިތަދޫ ފަޅު ހިއްކައިގެން އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ލ. ކުނަހަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެހެންވީމާ އަންނަ ދައުރުގައި ހިތަދޫ ފަޅުހިއްކައިގެން އެއާޕޯޓެއް އަޅާދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދާއިރާގެ ހުރިހާ ރަށަކުން ވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ވައިގެ މަގުން މި ހިސާބަށް ދަތުރުކުރެވޭނެ ފަސޭހަ ލުއިގޮތެއް ހަދައި ދިނުން. އިރާދަކުރެއްވިއްޔާ މި ފަޅުތެރޭގައި އެއާޕޯޓެއް ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން އަޅައިދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް ކޯޒްވޭ އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށާއި އެ މަސައްކަތް އަންނަ ދައުރުގައި ނިމޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ލ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ތައާރަފް ކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ހިތަދޫ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުމާއި އެރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމާއި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.