މާމެލާމެއްޔަކީ އާއްމު ގޮތެއްގައި މީރު ފޮނި ވަހެއް ހުންނަ ބާވަތްތަކެވެ. އެހެން ނަމަވެސް އެއާ ޚިލާފަށް ކުނި ވަސް ދުވާ މަލެއްގެ ވާހަކަ ބުނެފިނަމަ އެކަން ގަބޫލު ކުރާނަން ހެއްޔެވެ؟

ޔޫރަޕް އަދި ހުޅަނގު އެމެރިކާގައި ހެދޭ އަމޮރްފޮފެލަސް ޓައިޓޭނިއަމް ނުވަތަ އާއްމު އިނގިރޭސި ބަހުންނަމަ "ކޯޕްސް ފްލާވާ"އަކީ އިންސާނުންގެ ނޭފަތަށް އުނދަގޫވާ ފަދަ ނުބައި ވަހެއް ދުވާ މަލެކެވެ.

އިނގިރޭސި ބަހުން "ކޯޕްސް"ގެ މާނައަކީ މަރުވެފައިވާ މީހާ އެވެ. އެހެން ކަމުން މި މަލަށް އެކަމާ ގުޅުވައިގެން ނަން ދެވިފައިވަނީ އެ މަލުން ދުވާ ނުބައި ވަހުގެ ސަބަބުންނެވެ.

ކެލިފޯނިއާގައި އެ މަލުގެ މޫސުން ފެށިފައިވާއިރު އެ ސަރަހައްދުގެ ބޮޓޭނިކަލް ގާޑަންއެއްގައި ގިނަ ކޯޕްސް ފްލާވާތަކެއް ވަނީ އޭގެ ބިޔަ ފިޔަތައް ހުޅުވާފަ އެވެ. މިއީ މަދުން ނޫނީ ނުވާ ކަމެކެވެ.

ކޯޕްސް ފްލާވާ ބަލަން މީހުން އެއްވެފައި

އިންސާނެއްގެ އިސްކޮޅު ހުންނަވަރުގެ އެ މަލުގެ އެތެރޭގައި ކުދި މާތަކެއް ވާއިރު އެ މާ ފޮޅިފައި ހުންނަނީ ގާތްގަނޑަކަށް 48 ގަޑިއިރަށެވެ. އެއަށްފަހު އެ މާ މަރުވެ އެވެ.

ކޯޕްސް ފްލާވާ ހައްދާ ކޮންސަވޭޓަރީ ގާޑަންގެ މުވައްޒަފަކު ބުނީ އެ ސަރަހައްދުން ދުވަނީ އިންސާނުންގެ މުޅަ މަސް ކުނިވާ ވަސް ކަމަށާއި މާސްކް ނާޅާ އެތަނުގައި ކެތްނުވާ ކަމަށެވެ.

މި މާތަކުން ދުވާ ކުނިވަހާއެކު އާއްމުކޮށް ބަގީޗާތަކަށް އަންނަ ކޮކާލާއި މާބުރާއި ބަޅިނދުގެ ބަދަލުގައި އެ ކޮންސަވޭޓަރީއަށް އަންނަނީ ފުޅައާއި މެހި ފަދަ ދިރޭތަކެއްޗެވެ.

މަދުން ނޫނީ ނުފެންނަ ކޯޕްސް ފްލާވާ ފޮޅޭ މަންޒަރު ބަލަން ގިނަ ބަޔަކު ވަނީ ހޯމަ ދުވަހު އެ ބަގީޗާއަށް ގޮސްފަ އެވެ. އެތަނަށް ދިޔަ މީހުން އެ ތަޖުރިބާ ސިފަކޮށްފައިވަނީ ކުނި ގޮނޑަކަށް ދިއުން ފަަދަ ކަމުގަ އެވެ.