ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ލައިޓް ރެއިލްގެ ހިދުމަތް ތައާރަފްކުރަން އެމްޑީޕީގެ "އުފާވެރި މާލެ" މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެތައް ސަތޭކަ ބަޔަކާ އެކު މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވަނީ މާލޭގެ ކާރޫ ބާރޫ ބޮޑުކަމުން މިންޖުވުމަށް އެމްޑީޕީގެ "އުފާވެރި މާލެ" މެނިފެސްޓޯ އިފްތިތާހު ކޮށްފަ އެވެ.
މެނިފެސްޓޯގައި ހިމެނޭ ކާރޫބާރޫ ބޮޑު މަގުތަކުން މިންޖުވުން މި ބައިގައި ހިމަނަފައި ވަނީ މާލޭގެ މަގުތަކުން ކާރޫ ބާރޫބޮޑޫކަން ހައްލުކުރުމަށް ގިނަ ކަންކަމެއް ހިމަނައިފަ އެވެ. އެގޮތުން ހިނގާ މީހުންނަށް އިސްކަންދޭ ޕެޑެސްޓްރިއަން މަގު ތަރައްގީކުރުމާއި ގްރޭޓާ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި ގްރޭޓާ މާލޭ ސަރަހައްދުގައި ގިނަ ދުވަސްވީ ވެހިކަލްތައް ނެގުމަށް މަސްޓާ ޕްލޭނެއް ހެދުމާއި ވެހިކަލް އެތެރެކުރުން ލިމިޓް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް ލައިޓް ރެއިލް ތައާރަފް ކުރުމަށް ވެސް ހިމަނާފައިވެ އެވެ.
ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ހާއްސަ ޕާކިން ފެސިލިޓީ، އަދި މޮޓޯ ވެހިކަލްތަކަށް ނެއިބާހުޑް ޕާކިން ތައާރަފުކޮށް މަގުމަތިން ޕާކިން އޭރިއާތައް ނެގުން ހިމަނާފައިވެ އެވެ. އަދި ޓްރެފިކް އެންފޯސްމަންޓް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ގްރޭޓާ މާލޭގައި ޒަމާނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފްކުރުމާއި ސްކޫލް ދަރިވަރުންނަށް ހާއްސަ ސްކޫލް ބަސް ތައާރަފު ކުރުން ވެސް ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފަ އެވެ.
ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރު ކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާއިރު ސިނަމާލެ ބްރިޖް އެންމެ ފުރަތަމަ ޑިޒައިން ކުރިއިރު ވެސް ފަޅިއެއްގައި ހަތަރު ލޭން އޮވެ އެވެ.