މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހެދުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް ބަދަލުގެނެވިފައިވާ ކަމަށާއި އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިޔަށްދާ ޔޫއެންޑަބުލިއުޓީއޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލް ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް އަންނަމުންދާ ބަދަލުތަކާ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރެވިގެންދާނެ މިސްރާބަށް އަލިއަޅުވާލައްވައިފަ އެވެ.
ޑރ. މައުސޫމް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށްވާތީ، އެ އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމްތަކެއް ރާވަމުން އަންނަ ކަމަށެވެ. އަދި ޔޫއެންޑަބުލިއުޓީއޯގެ ބައިވެރިވުމާއެކު ހަރަކާތްތަކެއް ހިންގުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިބައްދަލުވުމުގެ ހަވާސާގައި ޑރ. މައުސޫމް ވަނީ ސްޕެއިންގެ ބޮޑުވަޒީރާއި މެޑްރިޑްގެ މޭޔަރު ޖޯސޭ ލުއިސް މާޓިނޭޒް އަލްމޭނިއާ އާއި ޔޫއެންޑަބުލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ސުރަ ޕޮލޯލިކަޝްވިލި އާއި އަދި މެންބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ވަފުދުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރު ސްޕެއިންއަށް ކުރައްވާ ދަތުރުފުޅުގައި ޔޫއެންޑަބުލިއުޓީއޯގެ އޭޝިއާ އެންޑް ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަ ހެރީ ހޮންގް އާއި ސްޕެއިންގެ ޓޫރިޒަމް ރިސާރޗާއި އިނޮވޭޝަންސްއާއިބެހޭ އިދާރާ ސެޖިތޫރު އާއި ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާ އެކްސެލްތޫރުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޑރ. މައުސޫމް ވަނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ މައުލޫމާތު ސްޕެއިންގެ ރަސްގެފާނާ ވެސް ހިއްސާކުރައްވައިފަ އެވެ. ސްޕެއިންގެ ރަސްގެފާނާ ހިއްސާކުރެއްވީ ޔޫއެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާއި ސްޕެއިންގެ ރަސްގެފާނު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.