ރާއްޖޭގައި އަސްކަރީ މަސައްކަތެއް ކުރުމަށް އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ހަރަކާތްތެރިވަމުން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ބަހުސްގައި ރައީސް ޞޯލިހު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިންނެއް އަސްކަރީ ހަރަކާތެއް ހިންގުމަށް ރާއްޖޭގައި ނުތިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކި ގައުމުތަކާ އެކު އޮންނަ އެއްބަސްވުމުގެ ދަށުން އެކިކަހަލަ ތަމްރީނުތައް ހިންގުމަށް އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަސްކަރީ އޮޕަރޭޝަނެއް ހިންގަން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރި ނުވާކަން ރައީސް ޔަގީން ކޮށްދެއްވި އެވެ.

"ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު އަސްކަރީ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ނެތް. އެކި ތަމްރީންތައް ހެދުމާއި ދެ ގައުމު ގުޅިގެން ކުރާ އަސްކަރީ ނޫން ކަންކަން ކުރުމަށް ރާއްޖޭގައި އަބަދުވެސް ބޭރުގެ ސިފައިން އައިސްއުޅޭ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތަމްރީނުތައް ހެދުމަށް ހަރަކާތްތެރި ވަނީ ހަމައެކަނި އިންޑިއާ ސިފައިން އެކަނި ނޫން ކަމަށާ އެމެރިކާ އާއި ޗައިނާ ސިފައިން ވެސް ރާއްޖެ އަސްކަރިއްޔާއާ ގުޅިގެން އެކިކަހަލަ ތަމްރީނުތައް ހެދުމަށް ރާއްޖެ އަންނަ ކަމަށެވެ.

އުތުރު ތިލަފަޅު ގުޅޭގޮތުން ކުރި ސުވާލަށް ވެސް ރައީސް ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހީންގެ ތަނެއް ކަމަށެވެ. އެތަން ހަދަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކަމަށްވިޔަސް އެއީ ދިވެހި އަސްކަރިއްޔާގެ ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޞޯލިހުގެ ކެމްޕެއިނަށް އިންޑިއާއިން ހަރަދުކުރާކަމަށް އިދިކޮޅު ފަރަތްތަކުން ދައްކާ ވާހަކަތައް ވެސް އެމަނިކުފަނު މިރޭ ދޮގުކުރެއްވި އެވެ.