ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ޑޮލަރު ކަސްޓަމްސް އިން ކްލިއާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ގަވާއިދާ އެއްގޮތަށް ބޭންކެއްގެ ބޭނުމަށް އެތެރެ ކުރި ޑޮލަރުތަކެއް ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިރޭ އަންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ޑޮލަރު ފޮއްޓަކުން ނަގައިގެން ކަސްޓަމްސް އިން ކްލިއާ ކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯ އިން ފެންނަނީ 100 ޑޮލަރުގެ ނޫޓުތަކަކާއި 10 ޑޮލަރުގެ ނޫޓުތަކަކާއި 20 ޑަލަރުގެ ނޫޓޫތަކެއް ކަސްޓަމްސް އޮފިސަރުން ބަލަމުންދާ ތަނެވެ.

އެކަމާ ގުޅިގެން ކަސްޓަމްސްއިން މިރޭ ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން އެތެރެ ކުރި ޑޮލަރުތަކެއް ކަމަށެވެ. އަދި އެއީ ބޭންކްތަކުން އަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، ކަސްޓަމްސްއަށް ޑިކްލެއަރކޮށްގެން، އެތެރެކޮށްފައިވާ ފައިސާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި މިފަދަ ވީޑިއޯތައް އާންމުންނަށް އޮޅޭނެހެން އެކި ގޮތްގޮތަށް ޝާއިއުކުރުމުގެ ކުރިން ކަސްޓަމްސް އިން ވެރިފައިކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.