އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 130000 ވޯޓު ކަށަވަރުވެފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރ. އަނގޮޅިތީމަށް މިއަދު ވަޑައިގެން ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ވެސް އެމްޑީޕީ ކޯލިޝަން ތިބީ 130،000 ވޯޓު ކަށަވަރު ކުރައްވައިގެން ކަމަށެވެ. ކޮންމެ ރަށަކުން ވެސް ފެންނަނީ އިންތިހާބު އެއްބުރުން ކާމިޔާބުވާ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

"ފުރިހަމަ ޔަގީންކަން އިރާދަކުރެއްވިއްޔާ އެބައޮތް މި އިންތިހާބު އެއް ބުރުން ނެގޭނެ ކަން. ވޯޓުލާ މީހުންގެ 90 ޕަސެންޓް މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް، އަޅުނޑުމެން މިއަދު ވެސް މި ތިބީ 130،000 ވޯޓު ކަށަވަރުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިޔާލުތަފާތުވުންތަކާ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ނުވަނުމުގެ ނަތީޖާއަކީ އެމްޑީޕީއިން ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.

ރައީސް ވިދާޅުވީ ކޯލިޝަނެއްގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާ ނަމަވެސް އެހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެސް މަޝްވަރާ ކޮށްގެން ގައުމަށް ފައިދާހުރި ގޮތްތަކެއް ނިންމުން ކަމަށެވެ.