ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެރަށުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވުމުން އެ ފައިސާ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އަދި އެ މައްސަލަ އޭސީސީން ތަހުގީގު ކުރާތީ އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފް އިން ދިން ފައިސާ އިންވެސްޓްކޮށް، ފައިސާގެ އަސްލު އޮޅުވާލި ކަމަށް ބުނެ އެވެ.
އެ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެއީ ފަނޑިޔާރު ހުސައިން މަޒީދާއި މުހައްމަދު ނިޔާޒެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ އެއް މިލިއަން ޑޮލަރު ޔާމީން އިންވެސްޓް ކުރެއްވީ އެ ފައިސާއާ މެދު ޝައްކު ކުރެވޭ ހާލަތެއް އޮތްކަން އެނގި ހުންނަވައިގެން ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށެވެ. އެ ފައިސާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަމަށާއި އަދި ޔާމީންގެ މާލީ ބަޔާނާއި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި އެ ފައިސާގެ މައްސަލަ ފާހަގަ ކޮށްފައިވާ ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެއް މިލިއަން ޑޮލަރަކީ ސިޔާސީ ކަންކަމަށް ލިބިވަޑައިގަތް ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައި ހުރި ފައިސާތަކެއް ކަމަށް ޔާމީން ވިދާޅުވިޔަސް، އެކަން ސާބިތުނުވާ ކަމަށެވެ. އަދި އަދީބުގެ އަތުގައި ހުރި ފައިސާއެއް އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް ޖަމާކުރީ ކީއްވެގެންތޯ ޔާމީން ބައްލަވާފައި ނުވުމަކީ އެއީ ޝައްކު ކުރެވޭ ފައިސާއެއް ކަން އެމަނިކުފާނަށް އެނގޭ ކަމުގެ ދަލީލެއް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގަމުންދާ ކަން ޔާމީންގެ ސަމާލު ކަމަށް 2014 ވަނަ އަހަރު އޮޑިޓާ ޖެނެރަލް ގެނެސްފައި ވަނިކޮށް އެކަމަށް އެމަނިކުފާނު ފިޔަވަޅު އަޅުއްވާފައި ނުވާ ކަމަށާއި އެސްއޯއެފްއިން ފައިސާ ޖަމާކުރީ އޭގެފަހުން ކަމަށްވާތީ އެއީ ވެސް ޝައްކު ކުރެވޭ ފައިސާއެއް ކަމަށް ބެލެވިދާނެ ހާލަތެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާ ކުރުމަށް ފަހު އެސްއޯއެފް އިން ދިން އެއް މިލިއަން ޑޮލަރު އިންވެސްޓް ކުރުމަކީ ގާނޫނާ ޚިލާފަށް ޔާމީން ކުރެއްވި ކަމެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހަށް އެކަނި ބުރަދަން ނުދެވޭނެ ކަމަށާއި އެ މީހުންގެ ބަހުގެ އިތުރުން އިތުރު ހެކިތަކުން އެ ހެކިތަކަށް ބާރު ލިބިދޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި ދަށު ކޯޓުން އެކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ދަށު ކޯޓުން ބެލުމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ނަމަވެސް ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ މަނީ ލޯންޑްރިންގެ އަމަލެއް ޔާމީން ހިންގަވާފައި ނެތް ކަމަށާއި އެމަނިކުފާނު އަމަލު ކުރެއްވީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރި ކަމަށް ދައުލަތުން ބުނާ ބުނުން ހަމަނުޖެހޭ ކަމަށާއި އެއީ މާނައެއް ނެތް ކަމެއް ކަމަށް ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށާއި ފާސިގުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އެ މީހުން ހެކިބަސް ދިނީ ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުން ދަނިކޮށް ކަމަށްވާތީ އެ މީހުންގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށް ޝަހީދުގެ ރައުޔުގައިވެ އެވެ.
ތަހުގީގާއި ޝަރީއަތް ހިންގާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ކަމަށާއި އޭގެ ސަބަބުން ޔާމީންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި އަދި އެސްއޯއެފްގެ ފައިސާގެ އެހެން ގިނަ ބަޔަކަށް ލިބިފައި ވަނިކޮށް ހަމައެކަނި ޔާމީނަށް ދައުވާ ކުރުމަކީ ހަމަހަމަކަމުގެ ހައްގާ ޚިލާފް ކަމެއް ކަމަށް ޝަހީދުގެ ރައުޔުގައި އިތުރަށް ބުނެފައިވެ އެވެ.