ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތާ ގުޅިގެން އަމިއްލަ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ފައިސާގެ އަސްލު އޮޅުވާލަން ހިންގި މުއާމަލާތެއް ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ ބޭންކް އެކައުންޓަށް ވަތް ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ގޮތުން މަނީ ލޯންޑާ ކުރުމަށް ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ، އެއީ ރާއްޖެއަކީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ސިއްރު ކުރެވޭ ގައުމެއް ނޫން ކަމަށާއި ފުލުހުންގެ ތަހުގީގުތަކަށް އެފަދަ މައުލޫމާތު ހޯދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ހުރި ހޮންކޮން އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގައި ކަމަށާއި އެ ބޭންކު ބަންދު ކުރުމުން ފައިސާ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކުރެއްވި ކަމަށެވެ. އަދި މީހެއްގެ އަމިއްލަ އެކައުންޓުގައި ހުރި ފައިސާއެއް އެމީހާގެ އެހެން އެކައުންޓަކަށް ޖަމާކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ދައުލަތުން ފާހަގަކޮށްފައިވަނީ މައްސަލާގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް އާރަށް ދިނުމަށް ރައީސް ޔާމީން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުން ފޮނުވި ސިޓީގައި ވެސް ޔޫސުފް ނައީމްގެ ކުންފުންޏަށް އާރަށް ދޭން އަންގާފައި ނުވާ ކަމަށެވެ. އަދި އާރަށް ދޭން ޖެހެނީ ވަކި މީހަކަށްކަން ސިޓީގައި ބުނެފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އާރަށް ދިނީ ކާކަށް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އެއީ ރަށްތައް ދޫކުރުމަކީ ރައީސް އޮފީހުން ބަލާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެން ވީމާ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެ ރަށް ޔޫސުފް ނައީމަށް ލިބިގެން ޖަމާކުރި ފައިސާ ގޮތުގައި ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ ފައިސާ އަދިވެސް ހުރީ އެމަނިކުފަނުގެ އަމިއްލަ އެކައުންޓުގައި ކަމަށާއި އެ ފައިސާ ލޯންޑަކޮށްފައި ނުވާ ކަމަށެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާއާ ގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރު ކޮށްފަ އެވެ. ހުކުމުގައި އޮތް ޖޫރިމަނާ ފަސްކުރި ނަމަވެސް ޔާމީންގެ ޖަލު ހައިކޯޓުން ފަސްކޮށެއް ނުދެ އެވެ.