އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމާ ރާއްޖެ ދަރަނިން ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބު ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގައި ކެމްޕެއިން ނިންމާ ގަސިމްގެ ފަހު ބަސް އިއްވުމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ގައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި ކަމަށެވެ. މިއަދިު ގައުމަށް އެކި އެކި ސިޔާސީ ވެރީން ޖެއްސި މާލީ މުސީބާތްތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ގައުމު ދެކެ ހަގީގީ ލޯބިވާ ވެރިޔަކު އިންތިހާބުކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ގައުމާއި، ރައްޔިތުންގެ މިނިވަންކަމާއި އިސްތިގުލާލް ނެތި ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން ވަނީ ސޮވަރިން ދަރަނި އިތުރު ކޮށްފައި ކަމަށާ ދަރަނި ވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވެއިރު ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު އަދަދެއް ރާއްޖެއިން ދަރަނި ނަގާފައިވާ ގައުމުތަކަށް ދައްކަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު ޢަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ގައުމުތަކަށް ދައްކަން ޖެހޭ، މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ގައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެ އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ނާޒުކު ހާލަތެއްގައި އޮތް އިރު ވެރިކަމުގައި ތިބި ފަރާތްތަކުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން މިވަނީ އިންތިހާއަށް ބޮޑުވެފައި ކަމަސެވެ.
ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުން މިވަނީ މި ގައުމުގައި އާންމުވެފައި ކަމަށާ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުން ކަމަށްވެސް ގާސިމްގެ ވިދާޅުވެފައިވެ އެވެ.