ރައްޔިތުން މިއަދު ނިންމަންވީ ޕީޕީއެމްގެ ސަރުކާރެއްގައި އަނިޔާވެރިކަން އިއާދަކުރާނީތޯ ނުވަތަ އިންގިލާބީ ތަރައްގީއެއް ރައްޔިތުން ހޯދާނީތޯ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރައީސް ވިދާޅުވީ ވޯޓުލުމުގެ ހައްގަގީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރަން ޖެހޭނީ ވަރަށް އަމާނާތްތެރިކަމާ އެކު ކަމަށެވެ.

ރައީސް ވަނީ މާދަމާ ހުރިހާ ރައްޔިތުން ވެސް ލޯޓުލާއިރު ވިސްނުންތެރިކަމާ އެކު ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ވޯޓުލާއިރު ވިސްނަންވީ ޕީޕީއެމް ސަރުކާރުގެ އަނިޔާވެރި ކަމަށް އެނބުރި ދާނީތޯ ނުވަތަ އިންގިލާބީ ތަރައްގީއާ އެކު ކުރިއަށްދާނީތޯ ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"ވޯޓަކީ ވަރަށް މުހިއްމު އަމާނާތެއް. އަޅުގަނޑުމެން ދާން ބޭނުންވަނީ އެނބުރި އެ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށްތޯ ނޫނިއްޔާ ރާއްޖެއަށް މިގެނެވޭ އިންގިލާބީ ހެޔޮ ބޮޑު ބަދަލާ އެކުގައި ކުރިއަށްތޯ ނިންމުން," ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހު ކެމްޕެއިނަށް ކ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: އެމްޑީޕީ

ރައީސް އިތުރަށް ވިދާޅުވީ އަންނަ ދައުރުގައި ވެސް އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމޔާބު ކުރައްވާނެ ކަމަށެވެ.