މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަތޮޅުތަކުގެ ހުރިހާ ރަށްތަކާއި ރިސޯޓުތަކުގެ އިތުރުން ވޯޓު ފޮށިތައް ބަހައްޓާ ބޭރު ގައުމުތަކުގައި އޮފިޝަލުންގެ އިތުރަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ މާލޭ ސަރަހައްދުގައި ވޯޓުލާ މަރުކަޒުތަކާއި ވިލިމާލެ އަދި ހުޅުމާލޭގެ އޮފިޝަލުންނާއި ވޯޓަށް ބޭނުންވާ ތަކެތި ފޮނުވާނީ މާދަމާ ފަތިހު ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ހުރިހާ ވޯޓުލާ މަރުކަޒެއްގައި ގަޑިއަށް ވޯޓުލުން ފެށޭނެ ކަމަށެވެ.

އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީއާއި މީޑިއާތައް ހިމެނޭހެން އޮބްޒާވަރުންނާ މޮނިޓަރުންގެ ގޮތުގައި 1700 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މިއީ ރިޔާސީ އިންތިހާބު މޮނިޓަރކުރުމަށްވެސް މިހާ ގިނަ ބަޔަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެ އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރު ހިމެނޭހެން މި އިންތިޚާބުގައި ޖުމްލަ 574 ވޮޓު ފޮށި ބަހައްޓަ އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަ ކުރައްވަ އެވެ. މިއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފަހަރެވެ.