ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގެ ވޯޓުލުން ފެށުމަށް ކުޑައިރުކޮޅަކަށްވެފައިވާއިރު ވޯޓްފޮށިތައް ކައިރިގައި މިހާރު ވަނީ ކިޔޫޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ފެށިގެން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282395 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 138196 މީހުންނަކީ އަންހެނުންނެވެ. އަދި 144199 މީހުންނަކީ ފިރިހެނުންނެވެ

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 574 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. މާލެ ސަރަހައްދުގައި އެކަނިވެސް 176 ފޮށި ބަހައްޓަން ނިންމާފައި ވާއިރު ރާއްޖޭން ބޭރުގެ ފަސް ގައުމެއްގައި އަށް ފޮށި ބަހައްޓާނެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.

ރިޔާސީ އިންތިހާބުގައި މާލޭގައި ވޯޓުލާން މިއަދު ހެނދުނު ކިއޫ ހަދާފައި. ފޮޓޯ | ހުރިހާ

ރިޔާސީ އިންތިހާބަށް ހާއްސަ ކޮށްގެން 285219 ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްފަ އެވެ.

އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބެއްގައި ވާދަކުރާ ފަހަރެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ނެރޭ ފަސް ކެންޑިޑޭޓެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓެކެވެ.