ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ކަމަށް ބުނާ ސިޓީ މިރޭ ލީކު ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައި ވަނީ އދ. ގައި ނަގާ ވޯޓުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ކުރިން މޮރިޝަސް އަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް އެ ސިިިޓީގައިވެ އެވެ.

އެ ސިޓީގައި ރައީސް ވިދާޅުވެފައި ވަނީ ރާއްޖެ އިން ޗާގޯސް މައްސަލާގައި ގެންގުޅޭ ސްޓޭންޑް ބަދަލުނުވާ ކަމަށާއި ކުރިން ވެސް ރާއްޖެއިން ގެންގުޅޭ ސްޓޭންޑް ދަމަހައްޓާނެ ކަމަށެވެ.

ރައީސްގެ އެ ސިޓީފުޅުގައި ރާއްޖޭން ބައެއް ގެއްލޭ ކަމަށް ނުވަތަ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭން ފޮނުވި ސިޓީގައި ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ވެސް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލްގެ ކަމާ ގުޅޭ ކޮމިޓީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ސިޓީ އަކީ ސައްހަ ސިޓީއެއްކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކަށަވަރު ކޮށްދެއްވި އެވެ. އަދި އެ ސިޓީ އާންމުވި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވި އެވެ.

މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވީ އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލާގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކުރުމަށެވެ.

އެ ސިޓީފުޅު އޭރު އެގޮތަށް ފޮނުއްވީ މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ މައްސަލަ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އޮތުމުންނެވެ.

އެ މައްސަލަ ޓްރައިބިއުނަލުން ބެލުމަށް ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސް އިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.

ރާއްޖޭން މޮރިޝަސް އަށް ފޮނުވި ސިޓީއަކީ ކަނޑުގެ ބައެއް ދޫކޮށްލުމަށް ފޮނުއްވި ސިޓީއެއް ކަމަށް ބުނެ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އަދި ނިމި ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި އިދިކޮޅުން ސަރުކާރާ ދެކޮޅަށް ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީ އެއީ އެވެ.