ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ ތަނެއް ނުވަތަ އެއްވެސް ސަރަހައްދެއް ނޯންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ޝަމާލް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެހެން ނަމަވެސް ރާއްޖޭގައި އަސްކަރީ ހަރަކާތެއް ހިންގަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ މީޑިއާގައި ޝަމާލް ވިދާޅުވީ ހުރިހާ ސަރުކާރުތަކުން ވެސް އަވައްޓެރި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެން އެކިކަހަލަ ތަމްރީނުތައް ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ތިބޭ ތިބުމަށް ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު އިންޑިއާ ސިފައިން ދުއްވަނީ ރާއްޖޭގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން އެމެޖެންސީ ހާލަތްތަކުގައި މީހުން އުފުލުމަށާއިސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކަށް ކަމަށެވެ.
"ސިފައިންގެ ފަރާތުން ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް، މިލިޓަރީ އެއްވެސް މަރުކަޒެއް ރާއްޖެއަކު ނުހުންނާނެ" ޝަމާލް ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ ކޮންމެ ތަނަކަށް ދިވެހި ސިފައިންގެ އަސްކަރީ ބާރު ހިނގާނެ ކަމަށާއި ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެ ކަމަށް ޝަމާލް ވިދާޅުވި އެވެ.
އުތުރު ތިލަ ފަޅާ ގުޅޭގޮތުން ޝަމާލް ވިދާޅުވީ އެތަން ވެސް އޮތީ ދިވެހި ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދެވޭ އެވެ. އެހެން ނަމަވެސް އެ ވާހަކަތައް ރައީސް ވަނީ ދޮގު ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވީ ރާއްޖޭގައި އަސްކަރީ ބޭނުމަކަށް އިންޑިއާ ަަަަަަަަަަަަަަަަަަސިފައިން އެއްވެސް ވަރަކަށް ހަރަކާތް ތެރިވަމުން ނުދާ ކަމަށެވެ.