ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ވެސް ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް ލިބުނު ހީނުކުރާވަރުގެ ނަތީޖާއެކު އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯއްދެވުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދުގެ ތާއީދު ލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝިދުގެ ތާއިދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަނިކޮށް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ ކުއްލި ގޮތަކަށް ނަޝީދު ވަނީ މިރޭ ބައްދަލު ކުރައްވައިފަ އެވެ. ނަޝީދުއާއެކު ބޭއްވެވި ބައްދަލުވުން ކުރިއަށް ގެންދެވީ ސަފީރު ދިރިއުޅުއްވާ ހުޅުމާލެ އަމީން އެވެނިއުގަ އެވެ.

ބައްދަލުވުމަށް ފަހު ނުކުމެވަޑައިގެން ބައެއް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދެ ޕާޓީއާއެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެމްޑީޕީއާއެކު ވެސް ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދެ ޕާޓީއާ އެކު ވެސް ކުރިއަށް ދިއުމަށް އަޅުގަނޑުމެންގެ ފަރާތުން އިލްޔާސް އެބަ މަޝްވަރާ ކުރައްވާ ދެއްތޯ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ފަހަތަށް އަރައިފާނަންތޯ ކުރި ސުވާލަށް ނަޝީދު ވިދާޅުވީ، އެކަން ވެސް ކުރިއަށްދާ ކަމަށެވެ.

"ކުރިއަށް.. ކުރިއަށް އެބަދޭ އިރާދަކުރެއްވިއްޔާ ރަނގަޅުގޮތެއް ނިންމާނަން،" ނަޝީދު ވިދާޅުވި އެވެ. "ދެން ދެ ޕާޓީއާ ވެސް ވާހަކަ ދައްކަމުން އެދަނީ. އަޅުގަނޑަށް ހީވާ ގޮތުގައި ތިބޭފުޅުންނަށް ހިތްހަމަޖެހޭ ގޮތަކަށް އެކަންވާނީ. އެއްގޮތަކަށް ވެސް ކަންބޮޑުވެލެއްވާނެ ކަމެއް ނެތް. ކަންބޮޑުވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ހަދާނީ. އަޅުގަނޑު ގޯސްކޮށް ނުހަދާނަން."

ރިޔާސީ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އެވެ. އިލްޔާސް އާށް ލިބިވަޑައިގެންނެވީ 15،600 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 7 ޕަސެންޓެވެ.

ރައީސް ނަޝިދުގެ ތާއީދު ހޯއްދެވުމަށް އެމްޑީޕީން މަސައްކަތް ކުރާއިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އެމްޑީޕީން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.