ކ. ހިންމަފުށީގެ ހުޅަނގު ދެކުނުން އޮންނަ ފިނޮޅަށް ގިލިލަންކަންފުށި ރިސޯޓުން ގެއްލުންދިން މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ބަލަން ފަށައިފި އެވެ.
އެ ދޮންވެލި ފިނޮޅު ހަލާކުރަން ގިލިލަންކަންފުށީ ރިސޯޓުގެ މުވައްޒަފުން ގޮވައިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ދިޔަ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައީ އާއްމުންގެ ބަޔަކު ވީޑިއޯ ނަގައި އެކަން އާއްމުކުރުމުންނެވެ.
ހިންމަފުށީ ކައުންސިލުން ބުނިގޮތުގައި ފިނޮޅު ހަލާކުކުރާކަމުގެ މައުލޫމާތު ލިބިގެން ހިންމަފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު ފިނޮޅަށް ދިއުމުން އެތަން ހަލާކުކުރަމުންދިޔަ މީހުންނާއި ހިންމަފުށީ މީހުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، ނުތަނަވަސްކަމެއް އުފެދުނު ކަމަށެވެ. ފިނޮޅު ހަލާކުކުރަމުން ދިޔައީ ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުންނެވެ.
ހިންމަފުށީ ކައުންސިލުން ބުނީ އެ ފިނޮޅަށް ގެއްލުން ދިނުމުގެ ގޮތުން ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާ ގޮތަށް ކޯރު ކަނޑާފައިވާ ކަމަށެވެ. އެގޮތަށް ކޮނެ ހެދުމުގެ ސަބަބުން ފިނޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ހިންމަފުށީ ކައުންސިލް ރައީސް ޝާން އިބްރާހިމް ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުންނަށާއި އީޕީއޭ އަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީޕީއޭގެ ފަރާތުން މައްސަލައާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ޝާން ވިދާޅުވި އެވެ.
ފުލުހުން ވަނީ އެ މައްސަލަ ރިޕޯޓްކުރުމުން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވައިފަ އެވެ.
އީޕީއޭއިން ވެސް ވަނީ މި މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނީ މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އީޕީއޭގެ ލަފާގެ މަތިން އަޅާފައިވާ ކަމަށެވެ. އަދި އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.