މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 ހަވީރު 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ތައްޔާރީތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ފުރަތަމަ ބުރާ ހިލާފަށް ދެ ވަނަ ބުރުގައި ވޯޓުލުން އޮންނާނީ ހެނދުނު 8 އިން ހަވީރު 5 އަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 8:00 ން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 138،196 މީހުންނަކީ އަންހެނުންނެވެ. އަދި 144،199 މީހުންނަކީ ފިރިހެނުންނެވެ. މިއަދަދު އިތުރުވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި މިމަހުގެ ނިޔަލަށް 18 އަހަރުވާ ކޮންމެ މީހަކަށް ވޯޓުލެވޭނެ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

ދެ ވަނަ ބުރުގައި ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ. އަދި މިފަހަރު ވެސް އޮންލައިންކޮށް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.