މި ވަގުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ހިޔާލު ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިނގަމުންދަނީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ކަންކަން ކުރާ ގޮތާ ހިލަފަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތައް ވެސް ކުރަނީ ބަރުލަމާނީ ނިޒާމާ އެއްގޮތަށް ކަމަށް އަފީފު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އައްޑޫ ހުޅުދޫ ދާއިރަގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މި ވަގުތަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ވަގުތު ކަމަށެވެ. އަދި ރައްޔިތުން ނިންމާ ގޮތަކަށް ރާއްޖޭގެ ކަންކަން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވި ކޮންމެ އންތިހާބަކުން ވެސް ފެންނަނީ އެއް ދައުރަށްވުރެ އިތުރަށް އެ މީހަކަށް ރައްޔިތުން ވެރިކަން ކުރަން ދޭން ބޭނުން ނުވާތަން ކަމަށް އިލްޔާސް ވދިާޅުވި އެވެ. އެހެންވީމާ އިންތިހާބަށް ފަހު ދެވަނަ ބުރެއްގައި ފެންނަނީ ޕާޓީތަކުން ކޯލިޝަން ހަދައިގެން ވެރިކަންކުރާ މަންޒަރު ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވެސް ދިގުލައިގެން ގޮސްފައިވަނީ ނިޒާމުގެ މައްސަލަތަކާ ހެދި ކަމަށެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވެފައި އޮންނަ ނިޒަމެއް ނަމަވެސް ރާއްޖޭގައި ތިން ބާރު އޮންނަނީ ވަކިވެފައި ނޫން ކަމަށް ޒާހިރު ވިދާޅުވި އެވެ.