ވެރިކަމަށް ވަޑައިގަންނަވަނީ އޯގާތެރި ސަރުކާރެއް ގާއިމް ކުރައްވަން ކަމަށާއި ސޯޝަލް ހައުސިން ސްކީމްގެ ދަށުން ކުލި ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާ އެއް މާފްކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރަށް ކެމްޕެއިން ފެށުމަށް މިރޭ ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ހައުސިން ޔުނިޓު ތަކަށް ކުލި ދެއްކުމަށް ރައްޔިތުންނަށް ދަތިކަން ހުރިކަން ފަހަގަ ކުރެވޭ ކަމަށެވެ. އެއީ މިސަރުކާރުން ޓެކްސް ބޮޑު ކުރުމާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދިއުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް އޯގާތެރި ވެރިކަމެއްކޮށްދީ އޯގާތެރި ސަރުކާރެއް ގާއިމް ކޮށްދޭން ކަމަށެވެ.

"ރައްޔިތުންނަށް މިވަނީ ކުލި ދެއްކުމަށް ދަތިކަން ދިމާ ވެފަ، ސޯޝަލް ހައުސިން އެއްވެސް ސްކީމެއްގެ ދަށުން ދައްކަން ޖެހިފައިވާ އަގު ދެއްކުމުގައި އެ ދިމާވެފައިވާ ދައްޗެއްގެ ސަބަބުން ނުދެއްކި ލަސްވެގެން އަރާފައި ހުރި ޖޫރިމަނާތައް އެއްކޮށް މާފުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ މިހާރު އާބަންކޯ ކިޔާ ކުންފުންޏެއްގެ އިހުތިސޯސްގެ ދަށުގައި އޮންނަ އަވަށަކަށް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުންފުންޏަކުން ރައްޔިތުންނަށް ދޭންވާ މުނިސިޕަލް ހިދުމަތްތަކާ ރަށްވެހިކަން ދޭނީ ކިހިެއްތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފަނުގެ ވެރިކަމެއްގައި ހުޅުމާލެއަކީ ކައުންސިލްގެ ފުރިހަމަ ބާރު ހިނގާ ކައުންސިލަކަށް ހައްދަވާނެ ކަމަށެވެ. އަދި ކުންފުންޏަކީ ވިޔަފާރިކުރަން ހަދާ ތަންތަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލްގެ ދަށަށް ހުރިހާ އިހްތިސޯސްއެއް އައުމުން ހުޅުމާލެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއްވެސް ދެވޭނެ ކަމަށެވެ.