ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނުނިންމައި މިސަރުކާރުން ދިނުމުން އެތަނަށް ވަތް މީހުން އެ މަސައްކަތް ކުރަން ދިޔަ ހަރަދު އަނބުރާ ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތައް މިސަރުކާރު އައިސް އެތަންތަނުގެ ފިނިޝިން މަސައްކަތްތައް ނުނިންމާ ދިނުމުން އެތަންތަނަށް ބަދަލުވި މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވި ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ފްލެޓްތަކުގެ ވެރިފަރާތުން ފިނިޝިން މަސައްކަތަށް ދިޔަ ހަރަދު ފޫބައްދަން ސަރުކާރުން ފްލެޓްގެ ވެރި ފަރާތަށް 2 ލައްކަ ރުފިޔާ ދޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްތައް ދޭން ނިންމީ ހުރިހާ މަސައްކަތެއް ކޮށް ނިންމާފައި ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން އަވަސްއަރުވާލާފައި އެތަންތަން ދީފައިހުރީ މަސައްކަތްތައް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ޓަވަރެއްގައި ވެސް އިތުރު ލިފްޓެއް ބަހައްޓަން ޖަގަ އެބަހުރި ކަމަށާއި އެހެންވެ ފްލެޓްތަކުގައި އިތުރު ލިފްޓް ބަހައްޓައިދޭނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުދެވިދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމަ އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަމޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ އޯގާތެރި ސަރުކާރެއް ގާއިމްކުރަން ކަމަށެވެ.

މިސަރުކާރުން ހިޔާ ފްލެޓްތައް ދިނީ ފާޚާނާގެ ދޮރުތައް ހަރުނުކޮށް، މުށި ވެސް ނުޖަހައި، ބޮއްކާއި ފަންކާ ވެސް ހަރުނުކޮށެވެ.