ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދަން ޕީޕީއެމް އިން އެމްއާރުއެމްއާއެކު މަޝްވަރާކޮށްފި އެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމާ ގުޅިގެން ގާނޫނީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް އެ ޕާޓީ އިން ކެންޑިޑޭޓަކު އިންތިހާބުގައި ބައިވެރިއެއް ނުކުރެ އެވެ. އެހެން ނަމަވެސް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރިވެފަ އެވެ.

ޕީޕީއެމްއާ އެމްއާރުއެމް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން.ފޮޓޯ: އެމްއާރުއެމް

ފާރިސް މައުމޫނަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި 3،100 ވޯޓެވެ.

ޕީޕީއެމް އާއެކު ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ އެމްއާރުއެމްގެ އިސް ބޭފުޅުންތަކަކާ ބައްދަލު ކުރައްވާފަ އެވެ.

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ކުރީގެ މިނިސްޓަރު އަނީސާ އަޙްމަދު އިސްކޮށް ހުންނަވައިގެން އެމްއާރުއެމްގެ ޓީމުން މިއަދު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ތެރެއިން ފާހަގަކުރެވުނު އިގްތިސޯދީ، އިޖްތިމާއީ އަދި ސިޔާސީ އިސްލާހަށް އެމްއާރުމްގެ ސިޔާސަތުތައް ހިއްސާކުރެއްވި ކަމަށް ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި މި ސިޔާސަތުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އިންސާފާއި ހަމަހަމަކަން އިތުރުކުރުމާއި، ގައުމީ އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަމަށް ފާރިސް ވިދާޅުވި އެވެ.