ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވުމުން އެކަމުގެ ރުޅި ރައްޔިތުންނަށް ނުބޭލުމަށް ޕީޕީއެމްއިން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑުތަނުން ކުރި ހޯއްދަވާފައިވާ ކަމަށެވެ. އަދި އެ ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީއާ ސަރުކާރުން އެކަމުގެ ރުޅި ރައްޔިތުންނަށް ބާލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ ބައެއް ރައްޔިތުން ރައީސް ސޯލިހުއަށް ވޯޓު ނުދިން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރު ދައްކަމުން ވެސް ގެންދާ ކަމަށެވެ. އަދި ގޯތި ލިބުނު މީހުންނަށް ގުޅާ ގޯތި ދިނުމުންވެސް ވޯޓު ނުދޭ ކަމަށް ބުނެ ސަރުކަރުން ބިރުދައްކަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގޯތި ލިބޭ މީހުންނަށް ގޯތި ދިނީމާ ވެސް ތިމަންނަމެންނަކަށް ވޯޓެއް ނުދިނޭ މިކިޔަނީ. އެކަމަކު ކަނޑު އަޑީގައި ހުރި ގޯތިތަކެއްކަން ރައްޔިތުންނަށް އެނގޭ. ރައްޔިތުންނަށް އެނގޭ މިކަންކަން ވާގޮތް،" ތޮލާލް ވިދާޅުވި އެވެ

އޭނާ އިތުރަށް ވިދާޅުވީ އިންތިހާބުން ބަލިވީމާ އޭގެ ރުޅި އަންނަން ޖެހޭނީ ރައްޔިތުން ދެކެ ނޫން ކަމަށެވެ.

ތޮލާލް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ނުދެވުނު ގޯއްޗެއް އިންތިހާބަށް ހަފްތާއަކަށް ވީމާ ނުދެވޭނެ ކަމަށާ އެ ގޯތިތައް ރައްޔިތުންނަށް ދޭނީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި ކަމަށެވެ. އަދިޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި ރައްޔިތުންނަށް ގޯތި ދީ ގޯތި ހެދޭނެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ.