ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ޞަލިހު ގާސިމްއާއި ބައްދަލުކުރެއްވުމަށް ވަޑައިގަތުމުން މާމިގިލީ އެއާޕޯޓުން ރައީސްއަށް މަރުހަބާ ދެންނެވީ ގާސިމް އެވެ.

ގާސިމްގެ އަރިހުގައި ޖޭޕީގެ އިސް ބޭފުޅުން ތިއްބެވި އެވެ. އަދި މަޝްވަރަތަކަށް މިހާރު ވަނީ ސަން އައިލެންޑަށް ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅެގޮތުން ގޮތެއް ނިންމުމަށް މިއަދު ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ރައީސްއާއި ގާސިމް ބައްދަލުކުރައްވާތީ ކައުންސިލް ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ވަފުދެއް ވެސް ރޭ ވަނީ ގާސިމްއާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑުގައި ބައްދަލު ކުރައްވައިފަ އެވެ.

ރައީސް ސޯލިހު މިއަދު ހަވީރު މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 5،545 ވޯޓާ އެކު ފަސް ވަނަ ލިބިވަޑައިގެންނެވި ނަމަވެސް ދެވަނަ ބުރެއްގައި ގާސިމްގެ އެހީ ޕާޓީތަކަށް ވަނީ ބޮޑުވެފަ އެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީގައި 22،600 މެންބަރުން އެބަތިއްބެވެ.

ދެހާސް އަށެއް އަދި 2013 އާއި 2018 ގައި ވެސް ވެރިކަމަށް ވަޑައިގެންނެވި ކެންޑިޑޭޓު ވަނީ ގާސިމްގެ އެހީ ހޯއްދަވައިފަ އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި 46 ޕަސެންޓް ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި 39 ޕަސެންޓް ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ސޯލިހެވެ.