ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިހާބުކޮށްފި އެވެ.

އާޒިމް އެމަގާމަށް ހޮވި ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގަ އެވެ. މިއަދު ބޭއްވި އިންތިހާބުގައި ޑިމޮކްރެޓްސްގެ 11 މެމްބަރުން ބައިވެރިވި އެވެ.

އާޒިމް ޕީޖީ ލީޑަރުކަމަށް އިންތިހާބުކުރާ 11 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޖީ ލީޑަރުކަމަށް އާޒިމް އިންތިހާބު ކޮށްފައިވާއިރު ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ނަގާފައި ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

ޕީޖީގެ ގްރޫޕުގެ އަމީންއާންމުގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި ވިޕުގެ މަގާމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ޑިމޮކްރެޓްސްއަކީ މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ނާކާމިޔާބާއެކު އެމްޑީޕީ ތެރެއިން އެމަނިކުފާނަށް ވަފާތެރި މެމްބަރުންތަކެއް ނުކުމެ އުފެއްދި ޕާޓީއެކެވެ.

ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ބައިވެރިވެފަ އެވެ. އަދި އިންތިހާބުގައި 7 އިންސައްތައާއެކު ޑިމޮކްރެޓްސް އޮތީ 3 ވަނައިގަ އެވެ.

އެމްޑީޕީ ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ 11 މެމްބަރުން ޑިމޮކްރެޓްސްއާ ގުޅުނުކަން މިހާރު ވަނީ މަޖިލީހަށް އަންގާފަ އެވެ.