ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދަން އެމްޑީޕީއިން އެމްއާރުއެމްއާއެކު މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމާ ގުޅިގެން ގާނޫނީ މައްސަލަތަކެއް ދިމާވެދާނެ ކަމަށް އެ ޕާޓީ އިން ކެންޑިޑޭޓަކު އިންތިހާބުގައި ބައިވެރިއެއް ނުކުރެ އެވެ. އެހެން ނަމަވެސް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރިވެފަ އެވެ. ފާރިސަށް ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި 3،100 ވޯޓެވެ.

އެމްއާރުއެމްއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ އިސް ބޭފުޅުން މިއަދު ވަނީ އެމްއާރުއެމްގެ އިސް ބޭފުޅުންތަކަކާ ބައްދަލުކުރައްވާފަ އެވެ.

ފާރިސް ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ފާރިސްގެ ފަރާތުން ބައްދަލު ކުރެއްވީ އައިމިނަތު ނާދިރާ އެވެ.

ފާރިސް ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށް އަދުލުއިންސާފު ހަމަހަމަކަން ގާއިމް ކުރުމަށް އެމްއާރުއެމްގެ ސިޔާސަތުތަކާ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އެމްއާރުއެމް އިން އެމްޑީޕީއާއެކު މަޝްވަރާ ކުރިއިރު އިއްޔެ ވަނީ ޕީޕީއެމް ކޯލިޝަނާއެކުވެސް މަޝްވަރާކޮށްފަ އެވެ.