ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާ ގުޅިގެން މަސައްކަތްކޮށް، އޭނާގެ މެނިފެސްޓޯގައި ހުރި މުހިންމު ކަންކަން ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން މުއިއްޒު ކަނޑައަޅުއްވާފައިވާ ހާއްސަ ޓީމެއް، ފާރިސްއާ ބައްދަލުކޮށް، ވަރަށް ކާމިޔާބު ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ.

"މި ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި،" ހީނާ ވިދާޅުވި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ފާރިސްގެ ޓީމުން ހުށަހަޅާ މައިގަނޑު ކަންތައްތަކަކީ އިގްތިސާދީ ސިޔާސަތު ހަރުދަނާ ކުރުން އިޖުތިމާއީ އަދި ސިޔާސީ އިސްލާހީ މަސައްކަތް ގައުމީ ސަލާމަތާއި ބެހޭ ސިޔާސަތު ހަރުދަނާ ކުރުމެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިވަޑައިގަތީ 2،979 ވޯޓެވެ. އެއީ ހަ ވަނަ އެވެ.