ކާމިޔާބު ޑްރާމާ ސީރީޒްތަކެއް ގެނެސްދީފައިވާ ކަޒްމިކް އިންޓަނޭޝަނަލް އިން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމު "ފްރީ ޑެލިވަރީ" މިއަހަރުގެ ނޮވެމްބަރު ހަތަރެއްގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިފިލްމު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިއީ އިއްލެ ބެލުންތެރިންނަށް ގެނެސްދޭ ތިން ވަނަ ފީޗާ ފިލްމެވެ. ދެހާސް ނަވާރައިގެ "ބަވަތި" ގެނެސްދިން ޑައިރެކްޓަރޔގެ ދެވަނަ ފިލްމަކީ މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި ކްރައިމް ތުރިލާ "ނީނާ" އެވެ.

ފިލްމުގެ ކާސްޓްގައި ގިނަ، އާ ތަރިންތަކެއް ހިމެނޭއިރު ލީޑުން ފެނިގެންދާނީ ވެސް އާ ތަރިންތަކެއް ކަމަށް ވެސް ފިލްމްގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ވަނީ ބުނެފަ އެވެ. އެގޮތުން މިފިލްމުގައި ފެނިގެންދާނެ ބައެއް ތަރިންނަކީ ވާޝިޔާ މުހައްމަދު، ޝާރިފު އަހުމަދު، އިފްނާޒް ފިރާގު، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އައިޝާ، ނުޒުހަތު އަދި މަރިޔަމް ވަހީދާ އެވެ.

https://www.youtube.com/watch?v=iWLX6X0Oi4c&t=6s

"ކަޒްމިކް އިންޓަނޭޝަނަލް" އަކީ ދިވެހި ސްޓްރީމިން ޕްލެޓްފޯމުތަކާ ގުޅިގެން މަގްބޫލު ސީރީޒްތަކެއް އުފައްދާފައިވާ ބައެކެވެ. އޭގެ ތެރޭގައި، "މީޑިއާނެޓް" އާ ގުޅިގެން ނެރުނު، އަޒްހާން އިބްރާހިމް ޑައިރެކްޓުކޮށްފައިވާ ކްރައިމް ތުރިލާ "ދަރަކް" ސީރީޒާއި، "ބައިސްކޯފް" އާ ގުޅިގެން ނެރުނު އިއްލެ ޑައިރެކްޓުކޮށްފައިވާ "މަޒްލޫމް" ސީރީޒް ފާހަގަކޮށްލެވެ އެވެ.