މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ނުރަސްމީކޮށް ފައްޓަވައިފި އެވެ.

އުމަރު މިއަދު ވަނީ "އުމަރު 2028" ނަމުގައި ކެމްޕެއިން ޕޯސްޓަރެއް އޭނާގެ ފޭސްބުކްގައި އާންމު ކުރައްވައިފަ އެވެ. އެ ޕޯސްޓަރުގައި "ނިއު ޑިރެކްޝަން" ނުވަތަ އާ މިސްރާބަކަށް މި ސްލޯގަން އެވެ. މިއީ އެންމެ ކުރިއްސުރެ އުމަރު ގެންގުޅެމުން އަންނަ ސްލޯގަން އެވެ. އަދި އުމަރު ވަނީ އޭނާގެ ފޮޓޯއަކާ އެކު އުމަރު2028ގެ ހޭޝްޓެގް ބޭނުންކޮށްފަ އެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރުވަނީ 6،324 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓު ލީ މީހުންގެ ތިން ޕަސެންޓެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އުމަރުއަށް އެންމެ ގިނައިން ވޯޓު ލިބުނު އިންތިހާބެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރަކީ ވެސް މުހިންމު ބޭފުޅެކެވެ. އެހެން ނަމަވެސް އަދި އެއްވެސް ޕާޓީއަކާ އެކު އުމަރު ދެވަނަ ބުރަކަށް މަޝްވަރާއެއް ނުކުރެ އެވެ.

އުމަރު ދަނީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ބައިވެރިވަމުންނެވެ. އެހެން ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އުމަރަށް ލިބުނީ ކުރިން ނުލިބޭ ވަރުގެ ތާއީދެކެވެ. އުމަރު ފާހަގަވެގެން ގޮސްފައިވަނީ 2008 ވަނަ އަހަރުން ފެށިގެން އޭނާ ގަބޫލުކުރާ ސިޔާސަތުތައް ބަދަލު ނުކޮށް އެއް ސިޔާސަތުތަކެއްގައި ހިފަހައްޓަވާ ބޭފުޅެއްގެ ގޮތުގައިކަން ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.