ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ދިވެހި ފުލުހުންނާ ސިފައިންގެ ފްލެޓްތަކުގެ އަގު ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާޓްފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ ޖަލްސާގައި މުއިއްޒު ވިދާޅުވީ މިގައުމުގެ ފަހުރަކީ ފުލުހުންނާއި ސިފައިން ކަމަށެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަކީ އެހާ ފަސެހައިން ދޫކޮށްލެވޭނެ އެއްޗެއް ނޫންކަން ފުލުހުންނާއި ސިފައިންވެސް ގާބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަމުގައި ބައެއް ސިފައިންނާއި ފުލުހުންނަށް ވަނީ ބައިވެރިވާން މަޖުބޫރުކޮށްފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ޕީޕީއެމް، ޕީއެންސީ ވެރިކަމެއްގައި ހައްގު މަގާމު ދެއްވާނެ ކަމަށެވެ.

މުއިއްޒު ވުދާޅުވީ މިސަރުކާރުން މި ދެ މުއައްސަސާއާ މެދު އިހުމާލު ވެފައިވާ ކަމަށާއި އެ ދެ މުއައްސަސާއާ މެދު އަމަލު ކުރަމުން ދަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ފުރަތަމަ ސަތޭކަ ދުވަސް ތެރޭ ފުލުހުންނާއި ސިފައިންނަށް ނިންމާ ދޭން ބުނި ފްލެޓްތައް އަދިވެސް ނުނިމޭ ކަމަށެވެ. އަދި ފްލެޓްތަކުގެ އަގުތައްވެސް ވަނީ އެކި ރޭންކުގެ އޮފިސަރުންނަށް އެކި ވަރަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފަނުގެ ވެރިކަމެއްގައި ފުލުހުންނާ ސިފައިންގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ކަމެއްގައިވެސް ފުލުހުންނާއި ސިފައިންނަށް އާޅަލާ އަޅަލުން އިސްކުރަން، މިސަރުކާރުން މިވަނީ އަޅުގަނޑުމެންގެ ފަހުރުވެރި ފުލުހުންނާ ސިފައިނުންނަށް އިހާނެތިކޮށް ހިތާފަ، ފްލެޓްތައް އަދި ނުނިމޭ، އަގުތައް ހުރީ އެކި ރޭންކުގެ ފުލުހުންނަށް އެކި ވަރަށް، އަޅުގަނޑުމެންގެ ސަރުކާރެއްގައި ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނަން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ އަގުތައް ކުޑަކޮށްދީ ފްލެޓްތަކަށް ފައިސާ ދައްކަން ފެށުން އެއް އަހަރަށް ލަސްކޮށްދޭނެ ކަމަށާއި ބަހާލައިގެން ދެއްކޭނެ ފަދަ ލުއި ގޮތެއްވެސް ހަދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.