ވެރިކަމަށް ވަޑައިގަންނަވަނީ މީގެ 460 އަހަރު ކުރީން ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރަމަކޮށް ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވި ގޮތަށް އަލުން އަނބުރާ ރާއްޖެ ދިވެހިންނަށް ހޯއްދަވައިދެއްވަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާޓްފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ ޖަލްސާގައި މުއިއްޒު ވިދާޅުވީ މާދަމާ ގައުމީ ދުވަސް ފާހަގަކުރާ އިރު ދިވެހީން ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މީގެ 460 އަހަރު ކުރީން ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީ ބޭރުގެ ބަޔަކު ކަނޑި އާއި ބަޑި ހިފައިގެން ރައްޖެ އަރާ ހަނގުރަމަކޮށްގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައްޖޭގެ މިނިވަންކަން ގެއްލިފައި މިވަނީ ބޭރުގެ ބަޔަކު ކަނޑި އާއި ބަޑި ހިފައިގެން ރާއްޖެ އަރައިގެން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް މިހާރު ވިސްނަންޖެހޭ ކަމަށެވެ. ދިވެހީންނަކީ އަމިއްލަ ގައުމުގެ ދިފާއުގައި ތެދުވާ ބައެއް ކަމަށާއި މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުން އެކަން ދެއްކުމަށް މުއިއްޒު ގޮވާލެއްވި އެވެ.
ތިރީސް ވަނަ ދުވަހު ލިބޭ ތާރީހީ ފުރުސަތަކީ ގައުމުގެ މިނިވަންކަން މުސްތަގުބަލަށްޓަކާ ޔަގީން ކުރަންވީ ދުވަހެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފަނު ވެރިކަމަށް ވަޑައިގަންނަވަނީ ބޮޑުތަކުރުފާނުން ރާއްޖެ ހޯދައިދިން ގޮތަށް އަލުން އަނބުރާ ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުމެއް ނުވޭ އެހެން ސިފަން ތިބޭކަށް އަޅުގަނޑުމެން މިއަންނަނީ މީގެ 460 އަހަރު ކުރީން ބޮޑުތަކުރުފާނު ހޯދައިދިން ގޮތަށް ދިވެހީންގެ ރާއްޖެ ހޯދައިދިނުމަށް" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ހުރިހާ ސިޔާސީ ބޭފުޅުން ވެސް އެކަތި ގަނޑަކަށްވެ ހުރިހާ ބޭފުޅުންގެ ނިންމުން ވެސް ވާންޖެހޭނީ ގައުމީ ވިސްނުމަކަށް ކަމަށެވެ.
ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން އެއްވެސް ގޮތަކަށް ހަރަކާތްތެރިވާކަށް އެއްވެސް ދިވެއްސެއް ބޭނުމެއް ނުވާނެ ކަމާށާއި ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ނަމަ ޖެހޭނީ ފައިބާން ކަމަށް މުއިއްޒު ވިދާޅުވި އެވެ.