ބްރިޖް ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަށް މިއަދު ގެއްލުންވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ޓެކްސީ ދުއްވަން އިން ޑްރައިވަރަށް ނިދި ޖެހިގެންނެވެ.
ފުލުހުން ބުނީ ހައިވޭގެ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް މިއަދު ހެނދުނު 8:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ. ނަމަވެސް ޓެކްސީ އަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ" ފުލުހުން ބުންޏެވެ.
މި ސޯލާޕެނަލް ސްޓްރަކްޗާއަކީ ވޯލްޑް ބޭންކުގެ އެހީގައި ހުޅުމާލެ-މާލެ ހައިވޭ ސަރަހައްދުގައި ކުރިއަށް ގެންދާ "އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ" (އެސްޕަޔާ) ގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ތައްޔާރުކޮށްފައިވާ ސްޓްރަކްޗާއެކެވެ.
އެކްސިޑެންޓުގައި ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާއަށް އަރާނެ ކަމަށް މިހާރު ބެލެވެ އެވެ. އަދި ފަސް ސޯލާ ޕެނަލެއް ނަގަން ޖެހޭނެ ކަމަށް ވެސް ބެލެވެ އެވެ.
އެ މަގުގައި ސޯލާ ޕެނަލްތައް ޖަހަން ފެށުމުން ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. ނަމަވެސް އެ ފާޑުކިއުންތަކަށް ބެލުމެއް ނެތި އެ މަޝްރޫއު މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.
މި އެކްސިޑެންޓުގައި އެތަނުގެ ސްޓްރަކްޗާގެ ބަޔަކަށާއި އޭގައި ހަރުކޮށްފައި ހުރި ހަތަރު ސޯލާ ޕެނަލަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ފޮޓޯތަކެއް އަންނަނީ ދައުރުވަމުންނެވެ. ހައިވޭގައި ހަރުކޮށްފައިވާ ހުރިހާ ސޯލާ ޕެނަލްތަކެއް ހުރީ އިންޝުއާ ކޮށްފަ އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.