އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަބިނާވް ޝުކްލާ އާއި ބަތަލާ ރުބީނާ ދިލައިކަށް ދަރިއަކު ލިބެން އުޅޭ ވާހަކަ އިއުލާނުކޮށްފި އެވެ.

ރުބީނާ އާއި އަބިނާވް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އަދި މި ދެ ފަންނާނުން ވަނީ ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ ކަމަށްވާ "ބިގް ބޮސް 14" ގައިވެސް ބައިވެރިވެފަ އެވެ. އެފަހަރުގެ ސީޒަން ކާމިޔާބު ކުރީ ރުބީނާ އެވެ.

ރުބީނާ އާއި އަބިނާވް އަށް އަލަތު ދަރިފުޅު ލިބޭ ކަމަށް އިއުލާނު ކޮށްފައިވަނީ އެމީހުންގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

ރޫބީނާ އާއި އަބިނާވް އަންނަނީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މިފަހުން ދައުރުވި ރުބީނާގެ ބައެއް ފޮޓޯތަކުން އޭނާ ބަނޑުބޮޑު ކަމަށް ހީވެގެން ބައެއް ފޭނުން ވަނީ ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދައްކައިފަ އެވެ. އަދި މެޓާނިޓީ ކްލިނިކެއްގެ ބޭރުން ރުބީނާގެ ދެމަފިރިން ފެނިގެން ވެސް އެ ވާހަކަ ދެއްކި އެވެ.

"ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ފަދަ ސިލްސިލާތައް ކުޅުނު ރުބީނާ ވަނީ "ބިގް ބޮސް 14" ކާމިޔާބު ކުރުމަށް ފަހު މިދިޔަ އަހަރު ކަލާސްގެ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގައި ވެސް ވާދަކޮށްފަ އެވެ. އަދި މިދިޔަ އަހަރު "އަރުދު" ކިޔާ ފިލްމަކުން ބެވެސް އޭނަ ފެނިފައިވެ އެވެ

އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެ އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައ "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" ހިމެނެ އެވެ.

އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވަނީ ބައިވެރިވެފަ އެވެ.

.