އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ފަރަތްތަކުން ދޮގު ވާހަކަ ފަތުރަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރަނީ އިންތިހާބުގައި ބަލިވާނެކަން ޔަގީންވާތީ ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ވޯޓު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށްބުނެ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުގައި ކާމިޔާބު ނުވާނެކަން ޔަގީންވާތީ ކަމަށެވެ. އިންތިހާބު އޮޅުވާލުންފަދަ އެއްވެސް ކަމެއް އެޕާޓީން ނުކުރާކަމަށް އެމްޑީޕީއިން ބުނެ އެވެ.

އެމްޑީޕީން ބުނެފައިވަނީ އިންތިހާބަށް ނުފޫޒުފޯރުވަމުން ދަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ކަމަށެވެ. އެގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބުރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ރައްޔިތުންނަށް އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓްރީ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓުލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށް އެމްޑީޕީން ވަނީ އެދިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާއިރު މިހާތަނަށް 25،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ވަގަށް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ ކެމްޕޭންގައި މިއަދު ހދ. ކުމުންދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ ދެ ދުވަހުގެ ތެރޭގައި 25،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭ އަދަދެއް ނޫން ކަމަށެވެ. އަބްދުއްރަހީމް ތުހުމަތުކުރެއްވި ގޮތުގައި ހުށަހެޅި ފޯމުތަކުގެ ތެރޭގައި އޮޅުވާލައިގެން ވެސް ހުށަހަޅާފައިވާ ފޯމުތައް ހިމެނެ އެވެ.