ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީގެ މެމްބަރުން ބޮއިކޮޓް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ 9:00 ގަ އެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދު ހަމަނުވާތީ މެމްބަރުން ހަމަވަންދެން 30 މިނެޓަށް ރިޔާސަތުން ވަނީ މަޑުކޮށްފަ އެވެ. އެހެން ނަމަވެސް 9:30 ވީއިރުވެސް މެމްބަރުން ހަމަވެފަ އެއް ނުވެ އެވެ.

ހެނދުނު 9:30ގައި ވެސް މެމްބަރުން ޖަލްސާއަށް ނުވަނުމުން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ އެކަމަށް ސަމާލުވުމަށް އަންގާފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ގޯތިތެރޭގައި ހުންނަ ކުޑަ ދަށުގައި އެބަތިއްބެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެމެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވާ ސަބަބެއް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.

މެމްބަރުން ޖަލްސާއަށް ވަނުމަށް ދެކޮޅުހަދާފައި ވަނީ މިއަދުގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެޖެންޑާގައި މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ 56 މެމްބަރުން ތިއްބަވާ އިރު، މިއަދުގެ ޖަލްސާއަށް ގިނަ މެމްބަރުން ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށް ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން ނަޝީދު އެދިވަޑައިގަތެވެ.