ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުން އަވަސް ކުރަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން އެއްބަސްވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް މަސައްކަތްކުރާ މެންބަރުތަކެއް އެކުވެގެން އުފައްދާފައިވާ ޑިމޮކްރެޓްސް އިން ދަނީ ރިޔާސީ އިންތިީޚާބުގެ ފުރަތަމަ ބުރަށް ފަހު ބަރުލަމާނީ ވޯޓަކަށް ދިއުމުގެ ޝަރުތު ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ވެސް ހުށަހެޅުމަށެވެ. މަޖިލީހުގެ މައިނޮރިޓީގެ ޕާޓީގެ ގޮތުގައި ވެސް މި ވަގުތު އޮތް ޑިމޮކްރެޓްސް އިން ވަނީ ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހެޅުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ ގިނަ މެންބަރުން ޖަލްސާގައި ބައިވެރިއެެއް ނުވެ އެވެ. އެމްޑީޕީން ބުނެފައި ވަނީ މިއަދުގެ ޖަލްސާގައި ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޖެންޑާ ކުރައްވާފައި ވަނީ، މުހިންމު ބިލްތައް ހުއްޓާ، ސަރުކާރާ ދެކޮޅަށް ހުށަހާފައިވާ ގަރާރުތައް ކަމަށެވެ.

ނަޝީދު ވިދާޅުވީ މައިނޮރިޓީ ލީޑަރު ޑިމޮކްރެޓްސްގެ އަލީ އާޒިމް އާއި މެޖޯރިޓީ ލީޑަރު އެމްޑީޕީގެ މުހައްމަދު އަސްލަމް މަޝްވަރާ ކުރައްވައި ގަރާރު އަވަސް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ގަރާރުގެ ބަހުސް މާދަމާ ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ގަރާރު އަވަސް ކުރަން އެމްޑީޕީން އެއްބަސްވުމަކީ ގާރަރަށް ތާއީދު ކުރުން ނޫން ކަމަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވާ ފަނަރަވަރަކަށް ހާސް ވޯޓު ހޯއްދެވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަނީ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

މޮކްރެޓްސް އިން ވަނީ މި މަހުގެ 25 ގައި ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ޕީއެންސީން ވަނީ އެއްވެސް އެއްބަސްވުމެއްގެ ދަށުން މަޝްވަރާތައް ކުރިއަށް ގެންދަން ދެކޮޅު ހަދައިފަ އެވެ. އެމްޑީޕީއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ޑިމޮކްރެޓްސް އިން ބުނެ އެވެ.

ދެވަނަ ބުރުގައި ކާމިޔާބު ހޯދަން ބޭނުންވާ ކެންޑިޑޭޓަކަށް ޑިމޮކްރެޓްސްގެ ވޯޓުކޮޅުގެ މުހިންމުކަން ބޮޑެވެ. އެހެންވެ އެ ޕާޓީން ދަނީ އެ މީހުން ކެނޑިނޭޅި ވަކާލާތު ކުރަމުންދާ ބަރުލަމާނީ ގެނައުމަށް، ދަނޑިވަޅުގެ ފައިދާ ނަގައި ދެ ޕާޓީ އަށް ވެސް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވަނީ ބަރުލާނީ އަކީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށް ބުނެ ކަނޑައެޅިގެން އެކަމަށް ދެކޮޅު ހަދައިފަ އެވެ.

ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޖަލުގައި ހުންނެވި ޕީޕީއެމްގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމްއާ ބައްދަލުކުރެއްވުމަށް ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ޔާމީން ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.