ޑިމޮކްރެޓްސް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށްދާން ބޭނުން ނުވާ ކަމަށް ނިންމާފައި ނުވާނެ ކަމަށާއި ނިޒާމީ ވޯޓާ ގުޅޭގޮތުންވެސް ޑިމޮކްރެޓްސްއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން ހުށަހެޅީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށެވެ. ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުން ބަލައިނުގަތީ ޕީޕީއެމްއިން އެކަނި ކަމަށާއި އެހެންވެ މިހާރު މަޝްވަރާތައް ކުރިއަށް ނުދާ ކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފަ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މިހާރުވެސް ޑިމޮކްރެޓްސްއާ އެކު ދެވަނަ ބުރުގައި ތާއިދު ކުރުމާ ގުޅެގޮތުން މަޝްވަރަތައް ކުރިއަށްދާ ކަމަށެވެ.

އެ މަޝްވަރަތައް ކުރިއަށްދާތީ ޑިމޮކްރެޓްސް އިން ހުށަހެޅި ކަންތައްތަކަށް އެއްބަސްވެ އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައި ނުވާ ކަމަށާއި އެކަންކަމާ ގޮތެއް ނިންމާނީ މަޝްވަރާތައް ނިމުމުން ކަމަށް ތޮލާލް ވިދާޅުވި އެވެ. ތޮލާލް ވިދާޅުވީ ސޮއިކުރަން ޖެހޭ އެއްބަސްވުމެއްގައި ނަމަ ޕީޕީއެމް ކޯލިޝަނުން ސޮއި ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ސޮއިކުރަން ޖެހިއްޖެއްޔާ ސޮއިވެސް ކުރާ ގޮތަށް އެހެން ނަމަވެސް އެ މަޝްވަރާތައް އެދަނީ. އެ މަޝްވަރާތައް ނިމުނީމަ އަޅުގަނޑުމެން ސޮއިކުރާނީވެސް ސޮއިކުރާއިރު އެލިޔުން އޮންނަން ޖެހޭނީ ކިހިނެއްކަމާ މިހުރިހާ އެއްޗެއް ނިމިގެން ދާނީ އޭގެ ތެރޭގަ އަޅުގަނޑުމެން އަދިވެސް ހަމަ މަޝްވަރާ ކުރަންޖެހޭ ކަންކަން އެބަހުރި،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އެހެން ބުނެފައިވާ އިރު ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާގައި ޑިމޮކްރެޓްސް އިން ޕީޕީއެމްއަށައި އެމްޑީޕީއަށް ވެސް ހުށަހެޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ކަމަށެވެ.

އެއްވެސްކަމަކާ އެއްބަސްވެ، ސޮއިކޮށްގެން ކުރިއަށްދާން ޕީޕީއެމުން އެއްބަސްނުވާ ކަމަށާއި އެހެންވެ، އެ މަޝްވަރާތައް މިހާރު ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިހާރު މަޝްވަރަތައް ކުރިއަށް ދަނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް ހަސަން ވިދާޅުވި އެވެ.