ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ތަހުގީގުކޮށް އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ވެގެންދާނީ ރައްޔިތުންނަށް އިންސާފު ހޯދައިދޭ ސަރުކާރަކަށް ކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކޮށް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވެރިކަން ކުރާނީ އިންސާފުވެރިކަމާ މިނިވަންކަމާއެކު ކަމަށެވެ. އަދި ޖުޑީޝަރީ މިނިވަންކޮށް އިންސާފުވެރިކަމާ އެކު ހުރިހާ ރައްޔިތުންނަށް ވެސް ވެރިކަންކުރައްވަނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ނަޝީދަށް މާލޭގެ ކާރޫބާރޫ އެންމެ ބޮޑު އެއްމަގު ކަމަށްވާ މަޖީދީމަގުގައި ދިން ހަމަލާގައި މި ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފު ހޯއްދަވާދެއްވާފައިނުވާ ކަމަށާއި ރައީސް ނަޝީދަށް އިންސާފު ހޯއްދަވައިދެއްވާނީ ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. މި ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަން ދީފައެއް ނުވޭ. އެހެންވީމާ އިންސާފުވެރި ސަރުކާރެއް ގާއިމްކުރަން އަޅުގަނޑުމެން މި އަންނަނީ، އިރާދަކުރެއްވިޔާ އެމަނިކުފާނަށް އިންސާފު ގާއިމްކޮށްދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އަޑީގައި ވަނީ މި ސަރުކާރު ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެކަން ސަރުކާރުން ދޮގުކުރެ އެވެ.