މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި އައުޓްލެޓެއް އިއްޔެ ހުޅުވައިފި އެވެ.

ހުޅުމާލެ "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މިއީ "މާލެ ފެހި" އައުޓްލެޓް ގެ ދެވަނަ ތަނެވެ. މީގެ ކުރިން ވަނީ މާލޭގައި މިފަދަ އައުޓްލެޓެއް ހުޅުވާފަ އެވެ. މި ނާސަރީ އައުޓްލެޓް ތަކުން އާންމު ފަރާތްތަކަށް ވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

"މާލެ ފެހި" ހުޅުވައިދެއްވުމަށްފަހު މޭޔަރު މުއިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީގައި ހުރި މިފަދަ އެންމެ ބޮޑު ނާސަރީ ކަމަށާއި، އެކި ކުލަކުލައިގެ އެކި ވައްތަރުގެ ބޯގަންވިލާ ގަސްތަކާއި އެނޫން ވެސް ގިނަ ބާވަތްތަކުގެ ގަސްތަކެއް މިއަދު ހުޅުވި ދިޔަ ނާސަރީގައި ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން މި ނާސަރީއިން ކަދުރު ރުއް ވެސް ގަންނަން ލިބެންހުރި ކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުމާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ސިޓީ ކައުންސިލުން

"މާލެފެހި" ހުޅުމާލެ އައުޓްލެޓްގެ ހާއްސަ ކަމެއްގެ ގޮތުގައި މޭޔަރު ވަނީ އެތަނުގައި ގާއިމްކުރި "ބަޓަފްލައި ގާޑްން" އާއިބެހޭ މައުލޫމާތު ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެ ބަގީޗާގައި ކުރިއަށް އޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ހާއްސަ ގަސްތައް އެ ބަގީޗާގައި ހުންނާނެ ކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާސް ކޮކާ އެ ބަގީޗާގައި އުޅޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި އައުޓްލެޓްގެ ސަބަބުން އެކި ވައްތަރުގެ ގަސްގަހާގެހި ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މިއީ މާލެސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ އަދި ޖުމްލަކޮށް އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ދެވޭ ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.

ކަދުރު ރުއްތަކާއި ގުޅިގެން މޭޔަރު ވިދާޅުވީ ކަދުރު ރުކަކީ މިހާރު ކައުންސިލަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމެއް ކަމަށާއި، ކައުންސިލްގެ ނާސަރީއިން ކަދުރުރުއް ވެސް ގަންނަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ބަގީޗާ ހައްދާ ފަރާތްތަކަށް ބޭނުންކުރެވޭނެ ހެން އުކާލެވޭ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މި ނާސަރީ އައުޓްލެޓުން ލިބޭނެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވި މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން އޮންނަ ގޯޅި ތެރޭގަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.