ހއ. ދިއްދޫ ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރުމުން ލިބުނު ގެއްލުންތައް ބަލައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ދެ އުޅަނދުގެ ވެރި ފަރާތް 100 މިިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ދިއްދޫގެ ފަރަށް މި ދެ އުޅަނދު އެރުމުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެ ރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން އާއި އިންޑިއާ ގެ ޓަގު ބޯޓަކާއި، ބާޖު ފަރަށް އަރާފައިވަނީ މެއި މަހުގެ ދެވަނަ ދުވަހުގަ އެވެ.
އެ ބޯޓާއި ބާޖު ފަރަށް އެރީ ދިއްދޫގެ އިރުމަތީ ފަރާތަށެވެ. ފަރަށް އަރާފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްޕޯޓުގެ ދެ އުޅަނދެކެވެ.
އީޕީއޭއިން މިއަދު ބުނީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ގާނޫނުގެ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ އެޗްއާރުއެސް އިންފްރާ ޓެކް ސަތޭކަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ފަރާތަށް މިއަދު އަންގާފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.
އޭގެ އިތުރުން އީޕީއޭ އިން ބުނީ މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން މެއި 12 ގައި އެ ސަރަޙައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭކޮށްފައިވާ ކަމަށެވެ. މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.
ގަވާއިދުގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ރުފިޔާ އެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކާ ހަލާސްކުރުމަށް އަންގާފައިވާނެ ކަމަށް އީޕީއޭއިން ބުނެ އެވެ.
އޭގެ އިތުރުން ބާޖު ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ.