ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ވަނީ ނިންމާފައި ކަމަށާއި ޕީޕީއެމް/ޕީއެންސީ އިން ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރައްވާ ކަމަށް ޕީޕީއެމް ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދި ދަ ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. އެގަރާރު ހުށަހެޅުއްވީ ހުޅުދާ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މއިަދު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ޅޮހީގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ވޯޓުގެ ވާހަކަ ދައްކަން މިވަގުތު އެހާ މުހިންމު ނުވާ ކަމަށެވެ. ނިޒާމީ ވޯޓެއް ނެގުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެބޭފުޅުން ތިއްބެވީ ރިޔާސީ ނިޒާމަކާށް ތާއިދުކޮށްގެން ކަމަށާއި އެއީ ރައްޔިތުންގެ ނިންމުން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައްޔިތުންގެ ނިންމުމަކީ، ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެކޭ، އެ ނިޒާމަށް އަޅުގަނޑުމެން ތާއީދު ކުރަނީ، އަޅުގަނޑުމެން ނޫޅެން ކޮންމެހެން ނިޒާމީ ވޯޓެއްގައި އަޅައިގަނެގެން ނެއްޓެން ނޭނގިގެނެއް،" އަދުރޭ ވިދާޅުވި އެވެ.

ނިޒާމީ ވޯޓެއް ނަގަން ތާއިދު ނުކުރާ ކަމަށް އަދުރޭ ވިދާޅުވި ނަމަވެސް އިއްޔެ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެސް ނިޒާމީ ވޯޓަކަށް ތާއިދު ކުރާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ ނިޒަމީ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޕީޕީއެމް އިންވެސް ތާއިދު ކުރާ ކަމަށެވެ. އެކަމަކު ތާއިދު ކުރަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ އާންމު ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ގަރާރަށް އިއްޔެ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ.