ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކޮށްދީފި އެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ބޭސްފަރުވާއަށް އަދީބަށް ދިން 10 ދުވަހުގެ މުއްދަތު ޖުލައި 22 އަށް ހަމަވުމުން، އެ މުއްދަތު އޯގަސްޓް 28އާއި ހަމައަށް ކަރެކްޝަނަލް ސާރވިސްއިން އިތުރުކޮށްދިނެވެ. އޭގެ ފަހުން އެ މުއްދަތު ހަމަވުމުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްދިނެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިން ދިން މުއްދަތު ހަމަވެ އަނެއްކާވެސް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އަދީބު އެދިވަޑައިގެންފައިވާތީ އެ މުއްދަތު އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރުކޮށްދެއްވާފައިވާކަމަށެވެ.

ރ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ގައިދީންނަށް މީގެ ކުރިންވެސް ކަރެކްޝަންސް އިން ދޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ އެ މުއްދަތު އިތުރުކޮށްދެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.