ފެށުނީއްސުރެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެނަކީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމެވެ. އެކަމުގައި ކިތަންމެ މަސައްކަތެއް ކުރައްވައިފި އެވެ. ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން މިހާރު އެ ވަނީ ދަނޑިވަޅެއް ބައްލަވައި ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ އަށް ފާޑަކަށް މަޖުބޫރު ކުރުވައިގެން ނިޒާމީ ވޯޓަކަށް އެއްބަސް ކުރުވައިފަ އެވެ.
ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް އެންމެ ފޯރިއާ އެކު ފެއްޓެވި އެމްޑީޕީ ދޫކޮށްލައްވަން ޖެހިވަޑައިގަތް ހަގީގީ ސަބަބަކީ ވެސް ބަރުލަނީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ނުކުރެއްވުން ކަމަށްވެ އެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިޚާބީ މެނިފެސްޓޯގައި ވެސް ވަނީ ދޮޅު އަހަރު ތެރޭ ނިޒާމީ ވޯޓެއް ނަގަން ނަޝީދު އިސްވެ ހުންނަވައިގެން ހިމަނައިފަ އެވެ. ނަމަވެސް އެ އަހަރު އެކުލަވާލި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކައެއް ނެތެވެ. އެކަމަކު ވެސް ރައީސް ސޯލިހަށް ރައީސް ނަޝީދު ބާރު އަޅުއްވަމުން ގެންދެވީ ނިޒާމް ބަދަލު ކުރުމައިގެން އުޅުއްވުމަށެވެ. ރައީސްގެ ޖަވާބަކީ އެއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ ރައްޔިތުން ކަމަށެވެ. ދެ ރައީސުންގެ ޚިޔާލު ތަފާތުވުމަކީ މިއީ އެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ނަޝީދު ވަނީ ބަރުލަމާނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެ ފާސްނުވާނެހެން ހީވުމުން ވަނީ އަނބުރާ ގެންނަވައިފަ އެވެ. ދެން ކުރިމަތިވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ. އެ އިންތިިޚާބުން ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމާ އެކު ޕާޓީ ތެރޭގައި ވަކި ނަމެއްގައި ފެކްޝަނެއް އުފައްދަވައި ޕާޓީ ބައިބައި ކުރުމުގެ މަސައްކަތް ކުރެއްވުމަށް ފަހު، އެކަން ކާމިޔާބު ނުވުމުން، އެންމެ ފަހުން ވަނީ އަމިއްލަ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިޚާބުގައި ވާދަކޮށްފަ އެވެ.
ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީން ނަޝީދުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓަކަށް ނެރުނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވުމުން ޑިމޮކްރެޓްސް އަށް ލިބުނު 15 ވަރަކަށް ހާހުގެ އެޑްވާންޓޭޖް ނެގުން މިވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. ދެވަނަ ބުރަށް ދިޔަ ރައީސް ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް އިންތިޚާބު ކާމިޔާބު ކުރުމުގައި ޑިމޮކްރެޓްސްގެ އެހީތެރިކަން ބޭނުންވެ އެވެ. އެހެންވެ ހާލަތުގެ ފައިދާ ނަގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ އަށް އެމަނިކުފާނުގެ ޒަމާންވީ ހުވަފެނުގައި ކުލަ ޖެއްސުމުގެ "ބިރުދެއްކުންތައް" ފައްޓަވައިފަ އެވެ.
އެންމެ ފުރަތަމަ މަސައްކަތް ކުރުވީ މަޖިލީހުގައި އޮތް، އެމްޑީޕީން ހުށަހަޅާފައިވާ އެމަނިކުފާނާއި ކޮއްކޯފުޅު ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެންގެވުމެވެ. ޑިމޮކްރެޓްސްގެ އެހީ އަށް އެމްޑީޕީން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ބައްލަވައި ޖެހިގެން އައި ދުވަހު ނަޝީދު ވަނީ އެ މައްސަލަ ކުއްލިއަކަށް އެޖެންޑާކޮށްފަ އެވެ. އެކަމަކު މި ހުރިހާ ދުވަހު ދިޔައީ އެ މައްސަލަ އެޖެންޑާ ކުރުމަށް އެތައް ބަހަނާއެއް ދައްކަވައި އެ މައްސަލަ އެތައް ދުވަހަކަށް ލަސްކުރައްވަމުންނެވެ. އެންމެ ފަހުން އެކަން ވެސް ކާމިޔާބުކޮށްފި އެވެ.
ދެން ދިމާކުރެއްވީ ހަގީގީ އުއްމީދުތަކާ އެވެ. އެމްޑީޕީ އާއި ޕީއެންސީ އަށް ވަނީ މި މަހު 25 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސްވާ މަތިން ޑިމޮކްރެޓްސްގެ ތާއީދު ދޭނެ ކަމަށް ހުށަހަޅައިފަ އެވެ. އިންތިޚާބުގެ ދެވަނަ ބުރު މި މަހު 30 އަށް ތާވަލްކޮށްފައިވާ އިރު މި ކުރު މުއްދަތުގައި ނިޒާމީ ވޯޓު ފަދަ މުހިންމު ވޯޓެއް ނުނެގޭނެކަން ސިޔާސީ ކަންކަމުގެ ވިސްނުން ނެތް މީހުން ވެސް ގަބޫލްކުރާނެ އެވެ. އެކަމަކު ދެ ޕާޓީން ވެސް ޑިމޮކްރެޓްސްގެ އެ ހުށަހެޅުމަށް އެއްބަހެއް ނުވި އެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެފަދަ ވޯޓެއް އެހާ ކުރު މުއްދަތެއްގައި ނުނެގޭނެ ކަމަށް ބުނެފަ އެވެ.
ހުއްޓިފައި އޮތް މަޖިލިހަށް ދިރުން ގެނުވައި ރައީސް ނަޝީދު ދެން މަސައްކަތް ކުރެއްވީ މަޖިލީހުގެ ތެރޭން ނިޒާމީ ވޯޓަކަށް ދާން ބޮޑު ދެ ޕާޓީން ވެސް އެއްބަސް ކުރުވުމެވެ. އެމްޑީޕީގެ ތާއީދާ އެކު ނޮވެމްބަރުގެ ކުރިން ނިޒާމީ ވޯޓަކަށް ދާން އީސީ އަށް އެންގުމަށް ފާސްކޮށްފި އެވެ. ޕީޕީއެމުން އެ ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެމްޑީޕީން ވެސް ތާއީދު ދިން ކަމަށް ބެލެވެނީ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ އެހީ ލިބޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު ބޮޑު ދެ ޕާޓީން ވެސް ޑިމޮކްރެޓްސްގެ ހުށަހެޅުން ގަބޫލްނުކުރި ކަމަށް ބުނެ މިއަދު އެވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ނިންމައިފަ އެވެ. އެމްޑީޕީ ރުއްސައިގެން ނިޒާމީ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރުމަށް ފަހު އެ ޕާޓީ އަށް ވެސް "ލަނޑު" ދިނީ އެވެ.
ޑިމޮކްރެޓްސްގެ ނިންމުންތައް މިފަދަ ގޮތަކަށް ހުރި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ އެއްވެސް ބަޔަކަށްޓަކައި ކުޑަކަކޫ މައްޗަށް ތިރިނުވާނެ ކަމަށެވެ. އެކަމަކު މައާފަށް އެދެން ޖެހޭ ހާލަތުގައި މައާފަށް ވެސް އެދެން ޖެހޭނެ ކަމަށެވެ.
ނިޒާމީ ވޯޓަކަށް ދާން އެމްޑީޕީން އެއްބަސްވުމުގެ ބޭނުމަކީ ނިޒާމް ބަދަލުކުރަން އެ ޕާޓީން ތާއީދު ކުރުމެއް ނޫނެވެ. އެމްޑީޕީގެ އިސް ވެރިން ވެސް ވަނީ ތައީދު އޮތީ ރިޔާސީ ނިޒާމަކަށް ކަމަށް ބުނެފަ އެވެ. ޕީޕީއެމުން ސާފުކޮށް ބުނެފައި ވަނީ ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. ރާއްޖޭގެ ދެން ހިމެނޭ އިސް ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީ، އަދާލަތު، އެމްޑީއޭ އަދި އެމްއާރްއެމް ފަދަ ޕާޓީތަކުން ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
އެހެންވީއިރު އިންތިޚާބެއްގައި ވޯޓުލީ އެންމެ ހަތް ޕަސެންޓް ނުވަތަ 15 ވަރަކަށް ހާސް މީހުން ބޭނުންވާ ގޮތަކަށް މިވަރުގެ ބޮޑު ކަމެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. ދެން ބާކީ ތިބި 93 ޕަސެންޓް މީހުންގެ ހައްގު ކޮބައިތޯ އެވެ. ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވި އެއްކަމަކީ ބަރުލަނީ އަށް ތާއީދު އޮތް މިންވަރު ކުޑަކަމެވެ. އެހެންވީ އިރު އެހާ މަދު އަދަދަކަށް ދައުލަތުން 40 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރުމުގެ ބޭނުމަކީ ކޮބައިތޯ އެވެ. އެންމެ ހަތް ޕަސެންޓް ވޯޓާ އެކު ނިޒާމީ ވޯޓަކަށް ދާން ދެން ތިބި ސިޔާސީ ފަރާތްތައް "ރަހީނު" ކުރުމުގެ ފުރުސަތު ދޭންވީތޯ އެވެ. މި ފެންނަނީ ކިރިޔާ 3،000 ހަމަވާ ޕާޓީއަކުން 60،000 ގާތްކުރާ އަދަދަކަށް މެންބަރުން ތިބި ޕާޓީއެއް ދަށުލައިގެން އުޅޭ ތަނެވެ.
ރާއްޖޭގެ އާ ގާނޫނު އަސާސީގައި ވަނީ، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ފާސްކުރި ރިޔާސީ ނިޒާމް ކަމަށް ހިމަނައިފަ އެވެ. އެކަމަކު އޭގެ 16 ވަރަކަށް އަހަރު ފަހުން އަނެއްކާވެސް ވޯޓެއް ނެގުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ވަކި ނިޒާމެއް ބޭނުންވާ މީހަކު ބޭނުންވާ ނިޒާމު ފާސްވަންދެން މިހެން ވޯޓު ނަގާލަ ނަގާލި ތިބެންވީ ހެއްޔެވެ؟
ފުރަމަބުރުގައި އެންމެ %7 ވޯޓުލިބުނީމާ އެއޮތީ ސައިޒު ފެންނަން. ބޮޑުވަޒީރަކަށް ވުމުގެ ކަޅާއިހުދުގެ ހުވަފެން ހޭލާހުއްޓާ ފެނި، ސިޔާސީ ޚިޔާލީފޮލާ ކައްކައި ބަރުލަމާނީއެއްގެ ޗިޕް އެހެން މީހުންގެ ބޮލަކަށް ނުޖެހޭނެ. މިވަގުތު އެންމެ ރަނގަޅުވާނީ ސައިޒުގަ ހުރެވޭތޯ ބެލިއްޔާ. އެހެންނީ އިތުރަށް ޑިގުވެއްޓުންނޫންކަމެއް ނުވާނެ
މިއީ ކެނެރީގޭ ނަޝީދު އެކަނި ގައުމެއް ނޫން. އޭނާ ބޭނުންވާހާ ގޮތަކަށް ހަދާކަށް. އޭނާ ބަރުލަމާނީ ބޭނުންވީމާ ދެން އެންމެން އެއަށް ތާއީދުކުރަންވީ. މަޖިލީހުގެ ރައީސްކަމުގައި ބަގުޑި ބައްދަލައިގެން އުުޅުނު ގޮތުން ދެން ދުވަހަކު ވެސް ތި އަންނި އަށް ތާއީދެއް ނުކުރާނަން. އެމްޑީޕީން ވެސް ބަރުލަމާނީއަށް ތާއީދުކޮށްފިއްޔާ ޕާޓީން ކެނޑޭނަން. މިފަހަރު އަންނިއަށް ޖެހޭނެ އޭނާގެ ސައިޒު ދައްކާލަން.
ރަން ތަޅުދަޑި ދެން އޮންނާނީ ޑިމޮކޮރަޓުސް އަތުގަ