ނިޒާމީ ވޯޓާ ގުޅެގޮތުން ގާނޫނީ ލަފާ ހޯދުމަށް ފަހު ޖަވާބު ބޭނުންވާ ބައެއް ކަންކަން ހުރުމުން އެކަންކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް ލިބުމުން އެކަމާ ގުޅޭ ގާނޫނީ ލަފާ ހޯދާފައިވާ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު، ކޮމިޝަނަށް މިއަދު ލިބުމާއެކު އެގަރާރާ މެދު، ކޮމިޝަނުން އަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ ހޯދުމަށްފަހު، އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މުޅި ކޮމިޓީން ދިރާސާކޮށް ފާސްކޮށް އިއްޔެ މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކޮށްފައިވެ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލު ހަބީބު މީގެ ކުރިން ވިދާޅުވެފައި ވަނީ އެފަދަ ވޯޓެއް ބާއްވާނަމަ މަދުވެގެން 30 ދުވަހުގެ މުއްދަތެއް އެކަމަށް ތައްޔާރުވުމަށް އީސީ އަށް ބޭނުންވާނެ ކަމަށެވެ. އަދި އެފަދަ ވޯޓެއް ބޭއްވުމަށް 40 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭ ކަމުގައި ވެސް ހަބީބު ވިދާޅުވެފައިވެ އެވެ.