ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ ކުރިއަށް އޮތް ހައެއްކަ ގަޑި އިރު ތެރޭ އެމަނިކުފަނަށް ތާއިދު ކުރައްވާތަން ފެނިގެން ދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު މާލޭގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ހިންގެވުމަށް ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނަށް ތާއިދު ކުރެއްވުމަށް ޝައުގު ވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ޖޭޕީގެ ވަރަށް ގިނަ ބޭފުޅުން އެމަނިކުފާނަށް ތާއިދު ކުރެއްވުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ހައެއްކަ ގަޑި އިރު ތެރޭ ޖޭޕީގެ ކައުންސިލްގެ މެޖޯރިޓީ އެމަނިކުފާނަށް ތާއިދު ކުރާތަން ފެނިގެން ދާނެ ކަމަށެވެ. މިހާރުވެސް ބައެއް ބޭފުޅުން އެމަނިކުފަނަށް ތާއިދު ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭނެ އިތުރު ހިއްވަރެއް ކަމަށެވެ.

"ޖޭޕީ ކައުންސިލްގެ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނާ ގުޅެން އެބަ މަޝްވަރާ ކުރޭ އަޅުގަނޑަށް ހީވަނީ މިއަދުވެސް ތިބޭފުޅުންނަށް އޭގެ ބައެއް ބޭފުޅުން ގުޅިވަޑައިގަތުން އަޅުގަނޑަށް ތާއިދު ކުރެއްވިތަން ފެނިގެން ދިޔަ. ކުރިއަށް މިއޮތް ހައެއްކަ ގަޑި އިރު ތެރޭގައި ފެންނާނެ ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީ އެކީގަ މަސައްކަތް ކުރަންފަށާނެ ވަރަށް އަވަހަށް" ރައީސް ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލްގެ މެޖޯރިޓީ އެމަނިކުފަނަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާއިރު ނިމިގެން ދިޔަ ހަފުތާގައި ރައީސް ޞާލިހު ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތާއިދު ހޯއްދެވުމަށް އެމަނިކުފާނާ ބައްދަލުކުރައްވާފަ އެވެ. އެހެން ނަމަވެސް ޖޭޕީގެ ކައުންސިލުން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކަށް ތާއިދު ނުކުރުމަށެވެ.

ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދާއި ގަސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ޞާލިހުއަށް ތާއިދުކުރަން ނިންމާފަ އެވެ. އަދި ގާސިމްގެ ކެމްޕެއިން މެނޭޖަރު ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީވަހީދު ވަނީ މިހާރު ޖޭޕީ އިން ވަކިވެފަ އެވެ.