ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުން އެނގިވަޑައިގެންނެވީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާންވީ އެސަގާފަތް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދު މިވީ އޮޅުވާލުމަކަށް ކަމަށެވެ.
"އިންސާފު ނުދިނުން އެންމެ ބޮޑު އަނިޔާ. މިކަމުގެ ހިތި މިބޭފުޅުންވެސް ދެކޭނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ތާއީދު ކޮށްފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް ޔާމީންގެ ފަރާތުން ވަނީ ނިންމައިފަ އެވެ.
ހައިކޯޓުގެ ޝަރީއަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އިއްވި ހުކުމްގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމުގަ އެވެ. އެއާ ޚިލާފަށް ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔުގައި އެ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ގާނޫނީ ދަލީލުތަކާ އެކު ތަފްސީލުކޮށް ބަޔާން ކުރެއްވި އެވެ.